ތިލަމާލެ ބްރިޖު މަޝްރޫއަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމްރާނީ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން، މާލެއިން ތިލަމާލެ ބްރިޖު މަގުން ވިލިމާލެއަށް ފައިމަގުގައި ކުރިއަށްގެންދިޔަ ހާއްސަ ހިނގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވާ ހާއްސަ ސަމާލުކަން ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ބޮޑުވަޒީރު މޯދީއަށާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި، އަމަލީ މަސައްކަތުގައި ބައިވެރިވާ ދެ ގައުމުގެ ޓީމުތަކަށް އެމަނިކުފާނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި މި ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި މަޝްރޫއު ނިމުމުން ގްރޭޓާ މާލެ ސަރަހައްދުގެ ތަރައްޤީއަށް ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަޑުޖެހިފައި ހުރި ބޮޑެތި މަޝްރޫއުތައް، އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާއި ހަނިމާދޫ އެއާޕޯޓު ފަދަ މަޝްރޫއުތައް ބާރު ސްޕީޑުގައި ނިންމުމަށް އިސްކަން ދެއްވި ފަދައިން، ތިލަމާލެ ބްރިޖުގެ މަސައްކަތްވެސް އަވަހަށް ނިންމުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން ބަދަހިވާނެހެން މިފަދަ ތަރައްޤީގެ މުހިންމު މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވީ، މިއީ އެ ގައުމުގެ ބޯޑަރުން ބޭރުގައި އިންޑިއާއިން ހިންގާ އެންމެ ބިޔަ އަދި އެންމެ ފުރިހަމަ އެއް އުމްރާނީ މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއު ކާމިޔާބުކަމާއެކު ނިމިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ އަގުހުރި ރައުސުލްމާލެއް ކަމުގައި ސަފީރު ވިދާޅުވިއެވެ.
ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ހިނގާލުން ވިލިމާލެއަށް ނިންމާލުމުން، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
