ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ނުވަތަ ޖެންޑަރ ބޭސްޑް ވަޔަލެންސް (ޖީބީވީ) ގެ މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރާ ގޮތް ވަޒަންކުރުމަށް ކުރިއަށްގެންދާ ހާއްސަ އޮޑިޓަށް އާންމުންގެ ހިޔާލާއި މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެ އޮފީހުގެ ޕާފޯމަންސް އޮޑިޓް ޑިޕާޓްމަންޓުން ކުރިއަށްގެންދާ މި އޮޑިޓުގެ މައިގަނޑު މަގުސަދަކީ، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ކަމާބެހޭ އިދާރާތަކުން އަދާކުރާ ދައުރު ހަރުދަނާކުރުމެވެ. މި މަސައްކަތުގައި އާންމުންގެ ބައިވެރިވުން މުހިންމު ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރެއެވެ.

އޮޑިޓް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މިކަމާ ގުޅޭގޮތުން އާންމުން ދެކޭ ގޮތާއި، ތަޖުރިބާތައް އަދި ހުށަހަޅަން ބޭނުންވާ ކަންކަން އެ އޮފީހުގެ ޕަބްލިކް ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. މީގެ އިތުރުން، އިއުލާނާއެކު އާންމުކޮށްފައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްގެންވެސް މި ޕޯޓަލްއަށް ވަދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށެވެ.

މި އޮޑިޓަށް މައުލޫމާތު ހިއްސާކުރުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، އާންމުން ފޯރުކޮށްދޭ މައުލޫމާތުގެ އަލީގައި، ސަރުކާރުގެ މުއައްސަސާތަކުން މިފަދަ މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތް ވަޒަންކުރުމުގެ މަސައްކަތް ބައްޓަންކުރެވިގެންދާނެއެވެ.