ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމާ ގުޅިފައިވާ އެކިއެކި އިންޖިނިއަރިން އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.
ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ބޭއްވި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ، ގައުމުގެ ކުރިއެރުމުގައި އިންޖިނިއަރިން ދާއިރާގެ ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުޤުވެރިކަން އިތުރުކުރުންކަމުގައި އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓުގައި އެމްއޭސީއެލްގެ ފަރާތުން އިންޖިނިއަރިން އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ވޯޓާ އެންޑް ސެވެރޭޖް ސާވިސަސް (ޑަބްލިއުއެސްއެސް)، މެކޭނިކަލް ސާވިސަސް (އެމްއެސްޔޫ)، ހީޓް ވެންޓިލޭޝަން އެންޑް އައާ ކޮންޑިޝަނިން (އެޗްވީއޭސީ)، ފިއުލް ސާވިސަސް، އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)، އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް (އޭޖީއޭ) އަދި ޕަވާ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން (ޕީޖީޑީޑީ)ގެ ދާއިރާ ހިމެނެއެވެ.
މިއީ ރާއްޖޭގެ މައި ވައިގެ ބަނދަރު އެކަށީގެންވާގޮތުގައި ހިންގުމަށް ކުރެވޭ މުހިންމު މަސައްކަތްތައް ތަޖުރިބާކޮށްލުމަށް ކުދިންނަށް ލިބުނު އަގުހުރި ފުރުސަތެއްކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މި ހަރަކާތުގައި ބައިވެރިވެރިންނަށް އެމްއޭސީއެލް ގެ އިންޖިނިއަރުންގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، އެއާޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިން ފުރުސަތުތަކާ ބެހޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
އެމްއޭސީއެލް އިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، އޭވިއޭޝަން ދާއިރާއަށް ޝައުގުވެރިވާ ގާބިލު ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
