ރ. އިންނަމާދޫ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގަ އާއި އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ.
ރ. އިންނަމާދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އިންނަމާދޫ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް 720,684 ރުފިޔާއަށް އަލް އަމީން އިންވެސްޓްމަންޓާ ހަވާލުކުރީ އޭޕްރިލް 6، 2023 ގައެވެ. ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިންމާފައި ނުވުމާއި، ކޮށްފައިވާ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އޮކްޓޯބަރު 22، 2023 ގައި އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އޮޑިޓުން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކަކީ:
1. ގަވާއިދާ ހިލާފަށް އެޑްވާންސް ފައިސާ ދޫކުރުން
ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނާގޮތުން 15 އިންސައްތައަށްވުރެ އިތުރަށް އެޑްވާންސް ފައިސާ ދޫކުރެވޭނީ މިނިސްޓަރުގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ. ނަމަވެސް، ކައުންސިލުން ވަނީ މިނިސްޓަރުގެ ހުއްދައާ ނުލައި އަދި ޕޭމަންޓް ގެރެންޓީއެއްވެސް ނުހޯދައި، އެއްބަސްވުމުގެ ޖުމްލަ އަގުގެ 20.81 ޕަސެންޓް (150,000 ރުފިޔާ) އެޑްވާންސްގެ ގޮތުގައި ދޫކޮށްފައެވެ.
2. ޕަރފޯމަންސް ގެރެންޓީ ނުނެގުން
500,000 ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫއުތަކުގައި ޕަރފޯމަންސް ގެރެންޓީ ނަގަން ޖެހުނު ނަމަވެސް، މި މަސައްކަތުގެ އެއްބަސްވުމުގައި އެފަދަ މާއްދާއެއް ހިމަނާފައެއް ނުވެއެވެ. މީގެ ސަބަބުން، ކޮންޓްރެކްޓަރު މަސައްކަތް ނުނިންމާ ދޫކޮށްލުމުން ލިބުނު ގެއްލުން ކުޑަކުރުމަށް ކައުންސިލަށް އޮތް ފުރުސަތު ވަނީ ގެއްލިފައެވެ.
3. "ފްރޮންޓް ލޯޑިން" ބިޑަކަށް ފައިސާ ދެއްކުން
ކޮންޓްރެކްޓަރަށް ޖުމްލަ 210,000 ރުފިޔާ ދައްކާފައިވާއިރު، އޮޑިޓުން ބުނެފައިވަނީ މިއީ މަސައްކަތުގެ ކުރީކޮޅު ކުރަންޖެހޭ ކަންކަމުގެ އަގު ބޮޑުކޮށް ހުށަހަޅާފައިވާ "ފްރޮންޓް ލޯޑިންގ" ބިޑެއް ކަމަށް ބެލެވޭ ކަމަށެވެ. މީގެ ސަބަބުން ކޮންޓްރެކްޓަރު ވަނީ މަދު މަސައްކަތެއް ކުރުމަށްފަހު ބޮޑު އަދަދެއްގެ ފައިސާ ހޯދައި، މަސައްކަތް ދޫކޮށްލާފައެވެ. އަދި މި ފައިސާ ދޫކުރިއިރު ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަންޖެހޭ 5 އިންސައްތަވެސް ކައުންސިލުން އުނިކޮށްފައެއް ނުވެއެވެ.
ދައުލަތަށް ލިބުނު މާލީ ގެއްލުންއަލް އަމީން އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް ނިންމުމަށް އެހެން ކުންފުންޏަކާ 695,000 ރުފިޔާއަށް ހަވާލުކުރަން ޖެހުމުން، މި މަޝްރޫއަށް ޖުމްލަ 905,000 ރުފިޔާ ހޭދަވެފައިވެއެވެ. މިއީ ފުރަތަމަ ހަވާލުކުރި އަގަށްވުރެ 184,316 ރުފިޔާ އިތުރު އަދަދެކެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޑިސެމްބަރު 2023 ގައި ވަށާފާރުގެ މަސައްކަތް ނިމުނު ނަމަވެސް، ކުނިކޮށީގެ އެތެރޭގެ ކޮންމެހެން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ނުނިމި ހުރުމުގެ ސަބަބުން ޖޫން 2024 އާ ހަމައަށްވެސް އެތަން ބޭނުންކުރަން ފެށިފައެއް ނުވެއެވެ.
