ގދ. އަތޮޅު ކައުންސިލް އިދާރާއިން 2024 ވަނަ އަހަރުގެ ތެރޭގައި ތުރުކީ، ދުބާއި އަދި ސްރީލަންކާއަށް ކުރި ތަޖުރިބާ ހޯދުމުގެ ދަތުރުތަކަށް، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް 1,200,930 ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި ގދ. އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި ދަތުރުތަކަށް ފައިސާ ހޭދަކޮށްފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ސާކިއުލާތަކާ އަމަލުކުރުމެއް ނެތިއެވެ.
ތުރުކީ އާއި ދުބާއީ ދަތުރަށް 8.9 ލައްކަ ރުފިޔާ ހަރަދުކުރި
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލްގެ 9 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމުލަ 10 ބޭފުޅުން 26 އޭޕްރިލް 2024 އިން 11 މޭ 2024 އަށް ތުރުކީ އާއި ދުބާއީއަށް ކުރި 16 ދުވަހުގެ ދަތުރަށް 894,082 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ދަތުރަށް ބޭރުގެ އެހީ ނުވަތަ ސްޕޮންސަރޝިޕް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، މުޅި ދަތުރުގެ ޚަރަދު ހަމަޖައްސާފައިވަނީ ކައުންސިލްގެ ބަޖެޓުންނެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިރުޝާދު ދީފައިވާ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްގެ ގޮތުގައި އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ.
ލަންކާ ދަތުރަށް 3 ލައްކަ ރުފިޔާ ހަރަދު ކުރި
މީގެ އިތުރުން، އެ އިދާރާގެ 17 މުވައްޒަފުން 6 ސެޕްޓެންބަރު 2024 އިން 14 ސެޕްޓެންބަރު 2024 އަށް ސްރީލަންކާއަށް ކުރި 9 ދުވަހުގެ ތަޖުރިބާ ދަތުރަށް 306,848 ރުފިޔާ ބަޖެޓުން ޚަރަދުކޮށްފައިވެއެވެ. މި ދަތުރަށް ވެސް ސްޕޮންސަރޝިޕް ހޯދުމަށް މަސައްކަތް ކޮށްފައި ނުވާކަން އޮޑިޓަރުން ފާހަގަކުރެއެވެ.
ލިބެންޖެހޭ ފައިސާ ހޯދުމުގައި އިހުމާލުވުން
ކައުންސިލްގެ ހަރަދުތައް ބޮޑުވެފައިވާއިރު، އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ވެސް ރިޕޯޓުގައިވެއެވެ. އެގޮތުން ޑިސެންބަރު 31، 2024 ގެ ނިޔަލަށް ކައުންސިލަށް ލިބެންޖެހޭ 833,070 ރުފިޔާ ނުލިބި ހުރިއިރު، އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި ލިބެންޖެހޭ ފައިސާގެ ރަނގަޅު ރިކޯޑެއް ވެސް ބަލަހައްޓާފައި ނުވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ.
މި އޮޑިޓަކީ ކައުންސިލްގެ މާލީ މުއާމަލާތްތައް ހިންގާފައިވަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ މާލިއްޔަތު ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި އިގްތިސާދު ކުރުމުގެ އުސޫލުތައް ގެންގުޅުމަށް ކައުންސިލަށް އިރުޝާދު ދީފައެވެ.
