ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި 2026 ވަނަ އަހަރުގެ ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ. މި މަތީ މަޖިލީހުގެ ތެރޭގައި ޕާޓީގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ކަނޑައެޅިފައެވެ.

ޕީއެންސީގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މަތީ މަޖިލީހުގައި އިންތިހާބުކުރެވޭނެ މަގާމުތަކާއި އަދަދުތަކަކީ:

  • ޕާޓީގެ ނައިބު ރައީސްކަމަށް 6 މެންބަރުން
  • މެންބަރުންގެ މަޖިލީހަށް 18 މެންބަރުން
  • މެންބަރުންގެ މަޖިލީހަށް (އަންހެން) 10 މެންބަރުން
  • މެންބަރުންގެ މަޖިލީހަށް (ޒުވާނުން) 7 މެންބަރުން
  • އަންހެނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ހަޒާންދާރު (ކޮންމެ މަގާމަކަށް 1 މެންބަރަކު)
  • ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ އަދި ހަޒާންދާރު (ކޮންމެ މަގާމަކަށް 1 މެންބަރަކު)

ޕީއެންސީން ބުނި ގޮތުގައި، މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕީއެންސީން ބުނީ މަގާމުތަކަށް އެދި ހުށަހަޅާނީ ޕާޓީގެ ވެބްސައިޓުގައިވާ އިންތިހާބީ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

މީގެއިތުރުން 1 މަގާމަށް ވުރެ ގިނަ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެއްވެސް މެންބަރަކަށް ނުލިބޭނެކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

މި މުއްދަތު ފެށުމުގެ ކުރިން އަދި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަންނާނެ ކަމަށް އެ ޕާޓީން ވަނީ އަންގާފައެވެ.

މި އިންތިހާބުތައް ބާއްވަނީ ކޮންގްރެސް ޕާޓީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) އާއި 23 ވަނަ މާއްދާގެ (ހ) ގެ އިތުރުން، ޕާޓީގެ މަތީ މަޖިލީހުގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ހަމަތަކުގެ މަތިންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.