ޏ. ފުވައްމުލަކުގައި ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކުރުމަށްފަހު، މަޑުނުކޮށް ގޮސް އިތުރު ކާރެއްގައްޔާއި ރުކެއްގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، އަންދާޒު، އަހްމަދު އައުނުﷲ (35އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 އެހައިކަންހާއިރުއެވެ. އެގޮތުން، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ނަމަވެސް އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ދުއްވައިގެން ކަން ވެސް ތަހުގީގަށް ވަނީ އެނގިފައެވެ.

މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.