ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ އައު ބާބެއް ލިޔެވިގެންދިޔަ ތާރީހީ މުނާސަބަތެއްގެ ގޮތުން، ތިލަމާލެ ބުރިޖުގެ މާލެއާއި ވިލިމާލެ ގުޅުވައިދޭ ސަރަހައްދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައިމަގުގައި ހިންގަވާފައި މިއަދު ވަޑައިގެންފިއެވެ.

މާލެ އަދި ވިލިމާލެ އެއްގަމު މަގުން ގުޅާލެވުނީ، ބުރިޖުގެ އެންމެ ފަހު ސެގްމެންޓް ގުޅުވައިދޭ މަސައްކަތް ފާއިތުވި ހަފުތާގައި ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެންނެވެ.

މާލެއާ ވިލިމާލެ ގުޅުވާލި ބުރިޖުމަތިން ރައީސުލްޖުމްހޫރިއްޔާ ހިންގަވާފައި ވަޑައިގަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ޒިޔާރަތަކީ، ދެ ރަށް ދެމެދު އެއްގަމު ދަތުރުފަތުރުގެ ގުޅުން ގާއިމުކުރެވުނުކަން ރަމްޒުކޮށްދިން މުހިންމު ހަރަކާތެކެވެ. މާލެއާ ވިލިމާލެ ގުޅުވާލި ބުރިޖުމަތިން ރައީސުލްޖުމްހޫރިއްޔާ ހިންގަވާފައި ވަޑައިގަތުމުން ވިލިމާލެ ފަޅިން ބްރިޖް ކައިރިއަށް ގިނަބަޔަކު އެއްވެ ރައީސް ޑރ. މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

މާލެއާ ވިލިމާލެ ގުޅުވާލި ބުރިޖު / ފޮޓޯ: ރައީސް އޮފީސް

ތިލަމާލެ ބުރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހިމެނޭހެން 6.7 ކިލޯމީޓަރުގެ ދިގުމިނަށް ބުރިޖާއި ކޯޒްވޭ އެކުލެވޭ ގޮތަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ. އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްގެން ހިންގާ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ މި މަޝްރޫއަށް ހަރަދުކުރަނީ އިންޑިއާގެ އެހީއާއި، ލޯނު ފެސިލިޓީގެ އިތުރުން ދިވެހި ދައުލަތުގެ ބަޖެޓުންނެވެ.

މާލެއާ ވިލިމާލެ ގުޅުވާލި ބުރިޖު ހުރަސްކުރުމުން ވިލިމާލެއިން ރައީސް ޑރ. މުއިއްޒު އަށް މަރުހަބާ ދަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

މިއީ މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދާވެސް ސީދާ ގުޅިފައިވާ ވަރަށް މުހިންމު މަޝްރޫއެކެވެ. އެހެންކަމުން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ އެއް މަސައްކަތަކީ އިންޑިއާ ސަރުކާރާއި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއެކު މަޝްވަރާކޮށް، މަޝްރޫއުގެ ދުވެލި އަވަސްކުރުމެވެ.