ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ އެންމެ ފަހު މެޗުގައި ރޭ ޔޫކްރެެއިންއާ ސުވިޑަން ވާދަކުރި މެޗު 2-1 އަކުން ޔޫކްރެއިން ކާމިޔާބުކޮށް އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިމުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔޫކްރެއިނުންނެވެ. މެޗުގެ 27 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒިންޗެންކޯއެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސުވިޑަންއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މެޗުގެ 43 ވަނަ މިނެޓްގައި އެމިލް ފޯސްބާގްއެވެ.
މެޗުގެ ދެވަނަ ހާފްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު އިރު ދެޓީމުން ޖެހި ދެ ޝޮޓެއް ވަނީ ގޯލުގެ ދަނޑިގައި ޖެހި ބޭރަށް ނިކުމެފައެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވި އިރު ނަތީޖާ 1-1 އޮތުމުން އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓްގެ ދެ ހާފް ކުޅުނު އިރު މެޗުގެ ސުވިޑަންގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މެޗުގެ 99 ވަނަ މިނެޓްގައި ސުވިޑަންގެ ޑެނިއަލްސަންއަށް ރަތް ކާޑެއް ދެއްކީ ޔޫކްރެއިންގެ ކުޅުންތެރިއެއްގެ ބޮލުގައި އޭނާގެ ފައިން ޖެހުމުންނެވެ.
ޔޫކްރެއިންއިން މެޗުގެ ނަތީޖާ ކަށަވަރުކުރީ އިތުރު ވަގުތުގެ ގޮތުގައި ދިން 30 މިނެޓަށް ފަހު އިތުރަށް ރެފްރީ ދިން 1 މިނެޓްގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އާތެމް ޑޮވްބިކްއެވެ.
މިމެޗުން މޮޅުވި ޔޫކްރެއިން ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ ރޭ ޖާމަނީ ކަޓުވާލި އިންގްލޭންޑާއެވެ.