ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިންގްލޭންޑާ ޖާމަނީ ވާދަކުރި މެޗު 2-0 އަކުން އިންގްލޭންޑް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރަށް ހިނގައްޖެއެވެ.
އިންގްލޭންޑްގެ ވެމްބްލީގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް މާ މޮޅު ކުޅުމެއް ދައްކާފައި ނުވާ އިރު ހާފްގެ އެންމެ ނުރައްކާތެރި ހަމަލާ އުފައްދާފައިވަނީ ޖާމަނީންނެވެ. އެހެން ނަމަވެސް ޓީމޯ ވާނާ ފޮނުވާލި ޝޮޓް އިނގިރޭސި ކީޕަރު ވަނީ ހުޝިޔާރު ކަމާއެކު ހުއްޓުވާފައެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ދެޓީމުގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު ކުޅުމުގެ އޮއިވަރު ބަދަލުވެގެން ދިޔައީ އިންގްލޭންޑުން ބަދަލު ކުޅުންތެރިއެއްގެ ގޮތުން ޖެކް ގްރީލިޝް އެރުވި ހިސާބުންނެވެ.
އެއާއެކު އެޓީމުން އުފައްދަމުން ދިޔަ ހަމަލާތައް އިތުރުވި އިރު މެޗުގެ 75 ވަނަ މިނެޓްގައި އިންގްލޭންޑުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިމުބާރާތުގައި އިނގިރޭސި ޓީމުގެ އެންމެ ގިނަ ގޯލު ޖެހި ރަހީމް ސްޓާލިންގެވެ.
ސްޓާލިންގްގެ މިލަނޑަށް ފަހު މެޗުގެ ސްކޯ ހަމަ ހަމަ ކުރާނެ ރަނގަޅު ފުރުސަތު ޖާމަނީއަށް ލިބުނެވެ. ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.
އިންގްލޭންޑުން ނަތީޖާ ކަށަވަރުކުރީ މެޗުގެ 86 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ ކޭން މުބާރާތުގައި ޖެހި ފުރަތަމަ ލަނޑެވެ.
މިމެޗުން މޮޅުވެ އިންގްލޭންޑް ކުއާޓާ ފައިނަލްއަށް ގޮސްފައިވާ އިރު ކުއާޓާގައި އެޓީމު ވާދަކުރާނީ މިރޭ ސުވިޑަންއާ ޔޫކްރެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މިރޭގެ މެޗުން ބަލިވި ޖާމަނީ މިވަނީ މުބާރާތުން ކަޓާފައެވެ.