ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސުވިޓްޒްލޭންޑާ ފްރާންސް ވާދަކުރި ފޯރިގަދަ މެޗު ސުވިޓްޒަލޭންޑް ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިމެޗު ސުވިޓްޒަލޭންޑުން ކާމިޔާބުކުރީ މެޗުގެ ނޯމަލް ޓައިމްގައި 3-3 އަކުން ނަތީޖާ އެއްވަރުވުމުން އިތުރު ވަގުތުގެ 30 މިނެޓް ކުޅެ ދެޓީމަށް ވެސް ލަނޑެއް ނުޖެހުމުން ޕެނަލްޓީ ޖަހައިގެންނެވެ. މިގޮތުން އެޓީމުން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކުރީ 4-5 އަކުންނެވެ.
ވޯލްޑް ޗެމްޕިއަންސް ފްރާންސް ސިއްސުވާލާ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ޖެހީ ވެސް ސުވިޓްޒަލޭންޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒޫބާ ނަގާ ދިން ހުރަހަކުން ހެރިސް ސެފަރޮވިޗްއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ފްރާންސްއަށް މާ މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު ދެވަނަ ހާފްގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ސުވިޓްޒަލޭންޑްގެ ގޯލަށް ހަމަލާތައް އަމާޒުކޮށްފައެވެ.
އެހެން ނަމަވެސް މެޗުގައި ދެން ވެސް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނު ސުވިޓްޒަލޭންޑަށެވެ. މިގޮތުން މެޗުގެ 55 ވަނަ މިނެޓްގައި އެޓީމަށް ޕެނަލްޓީއެއް ލިބުނު އިރު ރިކާޑޯ ރޮޑްރީގެޒް ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް ވަނީ ހިފަހައްޓާފައެވެ.
އޭނގެ ދެ މިނެޓް ފަހުން ފްރާންސުން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފޯވަޑް ކަރިމް ބެންޒީމާއެވެ.
މިލަނޑު ޖެހިތާ ދެމިނެޓް ފަހުން ބެންޒީމާ ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ފްރާންސަށް 2-1 ގެ ލީޑެއް ނަގާދީފައެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ލަނޑެވެ.
ފްރާންސްއިން މެޗުގައި ޖެހި ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއެވެ. މެޗުގެ 75 ވަނަ މިނެޓްގައި ޕޮގްބާ ޖެހި މިލަނޑަކީ ހިތްގައިމު ލަނޑެކެވެ.
މެޗު ނިމެން ދިޔަ އިރު ސުވިޓްޒަލޭންޑްގެ ފަރާތުން މާ ނުރައްކާތެރި ކުޅުމެއް ނުފެނުނު އިރު މެޗުގެ 81 ވަނަ މިނެޓްގައި އެޓީމުން ވަނީ ވޯލްޑް ޗެމްޕިއަންސް ފްރާންސް އަނެއްކާވެސް ސިއްސުވާލާ ސްކޯ 3-2 އަކަށް ހަދާފައެވެ. މިލަނޑު ވެސް އެޓީމަށް ޖަހާ ދިނީ ސެފަރޮވިޗްއެވެ.
އެއަށް ފަހު ދެވަނަ ހާފްގައި ކުޅެން ނިކުތް ގަވްރޮނޮވިޗް ވަނީ މެޗުގެ 90 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯ 3-3 އަކަށް ހަދާ މެޗު އިތުރު ވަގުތަށް ގެންގޮސްފައެވެ.
އިތުރު ވަގުތުގެ ދެ ހާފްގައި ވެސް ލަނޑު ޖަހާނެ ޗާންސް ދެ ޓީމަށް ލިބުނު އިރު މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ސުވިޓްޒަލޭންޑުން ވަނީ އެޓީމުގެ ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބު ކަމާއެކު ވައްދާލާފައެވެ. އަދި ފްރާންސްގެ ފުރަތަމަ ހަތަރު ޕެނަލްޓީ ވެސް ވަތް އިރު އެޓީމުގެ ފަސްވަނަ ޕެނަލްޓީ ސުވިޓްޒަލޭންޑްގެ ކީޕަރު ޔާން ޝޯމާ ވަނީ ސޭވް ކޮށްފައެވެ. މިޕެނަލްޓީ ޖެހީ ހުނަރުވެރި ފޯވަޑް ކިލިއަން އެމްބާޕޭއެވެ.
މިމެޗުން މޮޅުވި ސުވިޓްޒަލޭންޑް ކުއާޓާގައި ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ. މި މެޗުން ބަލިވުމާއެކު ދުނިޔޭގެ ޗެމްޕިއަންސް ފްރާންސް މިވަނީ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުން ކަޓާފައެވެ.