މިހާރު ހިނގަމުންދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ.
ސްޕެއިން މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދީ ޑެންމާކްގެ ކޯޕަންހޭގަންގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 5-3 އަކުން ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތައް އުފައްދާފައިވަނީ ސްޕެއިންނުންނެވެ. މިގޮތުން، ޓީމުގެ ތަޖުރިބާކާރު ފޯވަޑް ކޯކޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު އިރު އޭނާ ވަނީ މިފުރުސަތު ނަގާލާފައެވެ.
ސްޕެއިންއިން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް މެޗުގެ ލީޑު ނެގީ ކްރޮއޭޝިއާއިންނެވެ. އަދި އެއީ ވެސް ސްޕެއިންގެ ގޯލަށް އެއްވެސް ޝޮޓެއް ވެސް ފޮނުވާނުލައެވެ. މެޗުގެ 20 ވަނަ މިނެޓްގައި ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ، ކީޕަރު އޫނައި ސިމޯންއަށް ފޮނުވާލި ބެކް ޕާސް ކީޕަރުގެ ބޫޓުގެ ކޮޅުގައި ޖެހި ސްޕެއިންގެ ގޯލަށް ވަތް އިރު މިއީ މިމުބާރާތުގައި ޓީމަކުން ބައިކޮޅަށް ޖެހި 9 ވަނަ ލަނޑެވެ.
މިލަނޑަށް ފަހު ސްޕެއިންއިން ވަނީ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ކްރޮއޭޝިއާގެ ގޯލަށް އިތުރު ހަމަލާތައް އަމާޒުކޮށްފައެވެ. އަދި މިކަމުގެ ނަތީޖާއަކަށްވީި މެޗުގެ 38 ވަނަ މިނެޓްގައި ޕަބްލޯ ސަރާބީއާ ޖަހާ ދިން ލަނޑާއެކު މެޗުގެ ސްކޯ އެއްވަރުވުމެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ސްޕެއިނުންނެވެ. އަދި އެޓީމުން ވަނީ މެޗުގެ 57 ވަނަ މިނެޓްގައި އިތުރު ލަނޑެއް ޖަހާ ސްކޯ 2-1 އަކަށް ހަދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ސީޒާ އެސްޕިލިކުއެޓާއެވެ.
ކްރޯއޭޝިއާއިން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ދެތިން ހަމަލާއެއް އުފެއްދި ނަމަވެސް ދެން ވެސް މެޗުގައި ލަނޑެއް ޖެހީ ސްޕެއިނުންނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ފޯވަޑް ފެރާން ޓޮރޭޒްއެވެ.
1-3 އަކުން ސްޕެއިން މެޗު ނިންމައިގެން ތިއްބާ މެޗުގެ 85 ވަނަ މިނެޓްގައި ކްރޮއޭޝިއާއިން ވަނީ ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް އޯސިޝެއެވެ.
އެއަށް ފަހު ކްރޮއޭޝިއާއިން ލަނޑެއް ޖަހާ 3-3 އަކަށް ސްކޯ ހަދާ މެޗު އިތުރު ވަގުތަށް ގެންދިޔައެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ މެޗުގެ 92 ވަނަ މިނެޓްގައި ޕަސަލިޗްއެވެ.
މެޗުގެ ނޯމަލް ޓައިމްގެ ކުޅުނު ނިމި އިތުރު ވަގުތުގެ ގޮތުގައި ކުޅޭ 15 މިނެޓްގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ސްޕެއިން އިން ވަނީ އިތުރު ދެލަނޑު ޖަހާ ސްކޯ 5-3 އަކަށް ހަދާފައެވެ.
އޭނގެ ތެރެއިން ފުރަތަމަ ލަނޑު ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާ ޖެހި އިރު ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކުޅެން ނިކުތް އޮޔަޒަބާލާއެވެ.
މިމެޗުން މޮޅުވެ ސްޕެއިން ކުއާޓާއަށް ދަތުރުކޮށްފައިވާ އިރު ސްޕެއިން ކުއާޓާގައި ކުޅެން ޖެހޭނީ މިރޭ ފްރާންސާ ސުވިޓްޒަލޭންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މިމެޗުން ބަލިވެ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަންރަޕް ޓީމު ކްރޮއޭޝިއާ މިވަނީ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުން އަލްވަދާއު ކިޔާފައެވެ.