ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް 1-0 އަކުން ބަލިކޮށް ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސްޕެއިންގެ ސެވިލްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން މާ ގިނަ ހަމަލާތަކަށް ނުފެނުނު އިރު ޕޯޗުގަލްގެ ފޯވަޑް ޑިއާގޯ ޖޮޓާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ.
އެހެން ނަމަވެސް މިފުރުސަތު އެޓީމުން ނަގާލި އިރު ބެލްޖިއަމްއަށް ލިބުނު ފުރަތަމަ ފުރުސަތުގައި އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ހޯދާފައެވެ. މެޗުގެ 42 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ޖަހާ ދިނީ ތޯގެން ހަޒާޑެވެ.
މެޗުގެ ދެވަނަ ހާފްގައި މުޅިހެން ކުޅުނީ ޕޯޗުގަލްއެވެ. އަދި ލަނޑެއް ޖަހާ ސްކޯ އެއްވަރު ކުރަން އެޓީމަށް ގިނަ ޗާންސްތައް ވެސް ލިބުނެވެ. ޕޯޗުގަލްގެ ޑިފެންޑަރު ރޫބެން ޑިއޭޒް ބޮލުން ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ހުށިޔާރު ކަމާއެކު ސޭވް ކުރި އިރު ޕޯޗުގަލްގެ ރަފައެލް ގަރޭރޯ ފޮނުވާލި ޝޮޓް ނިކުތީ ދަނޑިގައި ޖެހިފައެވެ.
މެޗުގެ ދެވަނަ ހާފްގައި ބެލްޖިއަމްއިން ވަރުގަދަ ދިފާއީ ކުޅުމެއް ދެއްކި އިރު މިރޭގެ މެޗު ނިމުނީ 1-0 އަކުން ބެލްޖިއަމް މޮޅުވެގެންނެވެ.
ކުއާޓާގައި ބެލްޖިއަމް ވާދަކުރަން ޖެހޭނީ އިޓަލީއާއެވެ.