ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ނެދާލޭންޑްސްއާ ޗެކް ރިޕަބްލިކް ވާދަކުރި މެޗު 0-2 އަކުން ކާމިޔާބުކޮށް ޗެކް ރިޕަބްލިކް މުބާރާތުގެ ކުއާޓާ ފައިނަލްއަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ދެވަނަ ބުރަށް އައި ނެދަލޭންޑްސް މިރޭގެ މެޗުގައި މާ ރަނގަޅު ކުޅުމެއް ދައްކާފައި ނުވާ އިރު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ.

ނެދަލޭންޑްސްގެ ކުޅުންތެރިއަކަށް ލަނޑު ޖަހަން ލިބުނު ފުރުސަތެއް/ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ދެވަނަ ހާފްގައި ޗެކް ރިޕަބްލިކްއަށް އެޑްވާންޓޭޖް ލިބުނީ މެޗުގެ 55 ވަނަ މިނެޓްގައި ނެދަލޭންޑްސްގެ ޑިފެންޑަރު މަތައިސް ލެހިޓްއަށް ސީދާ ރަތް ކާޑެއް ދެއްކި ހިސާބުންނެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ގަސްތުގައި ބޯޅައިގައި އަތްލުމުގެ ސަބަބުންނެވެ.

އެއަށް ފަހު މާ ގިނަ އިރު ތަކެއް ނުވެ ޗެކް ރިޕަބްލިކްއިން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. މެޗުގެ 68 ވަނަ މިނެޓްގައި އެޓީމުން ޖެހި ލަނޑު ކާމިޔާބުކޮށް ދިނީ ހޯލްސްއެވެ.

ޗެކް ރިޕަބްލިކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިއީ 2004 ވަނަ އަހަރުގެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގެ ދެވަނަ ބުރުގައި ޗެކް ރިޕަބްލިކް އިން ޖެހި ފުރަތަމަ ލަނޑެވެ.

މިއީ ޝިކް މުބާރާތުގައި ޖެހި ހަތަރު ވަނަ ލަނޑު/ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މެޗުގައި ދެން ވެސް ފެނުނީ ޗެކް ރިޕަބްލިކްގެ ލަނޑެކެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޒުވާން ފޯވަޑް ޕެޓްރިކް ޝިކެވެ. މިއީ މިމުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ލަނޑެވެ.

މިމެޗުން މޮޅުވި ޗެކް ރިޕަބްލިކް ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ ރޭ ވެލްސް ބަލިކުރި ޑެންމާކާއެވެ.

މިރޭގެ ނަތީޖާއާއެކު ނެދާލޭންޑްސް މިވަނީ މުބާރާތުން ކަޓާފައެވެ.