ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ރޭ އިޓަލީއާ އޮސްޓްރިއާ ކުޅުނު ވާދަވެރި މެޗު 2-1 އަކުން އިޓަލީ ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ 90 މިނެޓް ހަމަވީ އިރު 0-0 ގައި ސްކޯ އޮތުމުން ނަތީޖާ ނެރުމަށް 15 މިނެޓްގެ ދެ ހާފް ކުޅުނުު އިރު މެޗުގައި ފެނިގެން ދިޔަ ތިން ލަނޑު ވެސް ޖެހީ މި ދެ ހާފްގައެވެ.

މުބާރާތުގައި ކުރިން ކުޅުނު ތިން މެޗުގައި ވެސް އަވަސް އަދި ބަލާ ހިތްވާ ކަހަލަ ކުޅުމެއް ދެއްކި އިޓަލީއަށް ރޭގެ މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އޭނގެ ބަދަލުގައި މުޅި މެޗުގައި އޮސްޓްރިއާއިން ދެއްކި މޮޅު ޑިފެންސިވް ކުޅުމަށް ބަލާ ނަމަ މިއީ މިފަދަ މުބާރާތެއްގެ ދެވަނަ ބުރުގައި އޮސްޓްރިއާއިން ކުޅުނު ފުރަތަމަ ފަހަރޭ ވެސް ނުބުނެވޭނެއެވެ.

ރޭގެ މެޗުގައި އިޓަލީއަށް މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވޭ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މެޗުގެ ނޯމަލް ޓައިމްގައި އޮސްޓްރިއާއިން ލަނޑެއް ޖެހި ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ކަނޑައަޅާފައެވެ.

ރޭގެ މެޗުގައި އިޓަލީން ޖެހި ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 95 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފެޑްރީކޯ ޗިއޭސާއެވެ.

އިޓަލީގެ ފުރަތަމަ ލަނޑު ޖަހާ ދިން ޗެއިސާފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އެއަށް ފަހު މެޗުގެ 105 ވަނަ މިނެޓްގައި އިޓަލީން ވަނީ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މަތޭއޯ ޕެސީނާއެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފްގައި އޮސްޓްރިއާއިން ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކުރި އިރު މިއީ އިޓަލީން އެންމެ ފަހުން ކުޅުނު 12 މެޗުުގައި އެޓީމުގެ ގޯލަށް ވަތް ފުރަތަމަ ލަނޑެވެ.

އެހެން ނަމަވެސް މެޗު ނިމުނީ އިޓަލީ ކުރީގައި އޮވެގެންނެވެ. ކުއާޓާ ފައިނަލްގައި އިޓަލީ ކުޅެން ޖެހޭނީ ދެވަނަ ބުރުގައި ބެލްޖިއަމްއާ ޕޯޗުގަލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އޮސްޓްރިއާއިން ދެއްކި ކުޅުމަށް ގިނަ ބަޔަކު އަންނަނީ ހިތްވަރު ދެމުން/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ރޭގެ މެޗުން ބަލިވެ އޮސްޓްރިއާ މުބާރާތުން ކެޓި ނަމަވެސް އިޓަލީއާ ދެކޮޅަށް އެޓީމުން ދެއްކި ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.