މިހާރު ހިނގަމުންދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މިރޭ ފަށާފައިވާ އިރު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ހިތި ތަޖުރިބާއެއް ކުރަން ޖެހުނު ޑެންމާކް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޑެންމާކް މުބާރާތުގެ ގަދަ 8 އަކުން ޖާގަ ހޯދާފައި މިވަނީ ނެދަލޭންޑްސްގެ އެމްސްޓަޑޭމްގައި ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވޭލްސް 4-0 އަކުން ބަލިކުރުމަށް ފަހުއެވެ.
މިމެޗުގައި ޑެންމާކުން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް ކެސްޕާ ޑޯލްބާގްއެވެ. މެޗުގެ 27 ވަނަ މިނެޓްގައި އޭނާ ޖަހާ ދިން މިލަނޑަކީ ހިތް ގައިމު ލަނޑެކެވެ.
ފުރަތަމަ ހާފްގައި ވޭލްސްއަށް މާގިނަ ހަމަލާތައް އުފެއްދިފައި ނުވާ އިރު މެޗުގައި ދެން ވެސް ލަނޑު ޖަހާ ލީޑު ފުޅާ ކުރީ ޑެންމާކުންނެވެ. މެޗުގެ 48 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ޖަހާ ދިނީ ވެސް ހަމަ ޑޯލްބާގެވެ.
ޑެންމާކްގެ ދެލަނޑަށް ފަހު ވެސް ވޭލްސްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ފެނިފައި ނުވާ އިރު މެޗުގެ ޑެންމާކްއިން ޖެހި ތިން ވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗު ނިމެންދަނިކޮށެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޔޯކިމް މޭލާއެވެ.
އޭނގެ ފަހު ވޭލްސްގެ ހެރީ ވިލްސަން ކުރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކި އިރު އެޓީމުން މެޗު ނިންމާލާފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ.
މިމެޗުގައި ސްޕެއިންގެ ބާސަލޯނާއަށް ކުޅޭ ޑެންމާކްގެ ފޯވަޑް ބްރައިތްވައިޓް ވެސް ވަނީ ލަނޑެއް ޖަހާފައެވެ.
މިމެޗުން ބަލިވެ ވޭލްސް މުބާރާތުން ކެޓި އިރު ޑެންމާކްއަށް މިވަނީ އާހިތްވަރެއް ލިބިފައެވެ. ގްރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއަން އެރިކްސަންގެ ހިތް ހުއްޓި ދަނޑު މައްޗަށް ވެއްޓުނު ހާދިސާއަށް ފަހު މުބާރާތުގައި ޑެންމާކަށް މާބޮޑު ކުރިއެރުމެއް ނުލިބޭނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ.
އެހެން ނަމަވެސް މިރޭގެ މޮޅާއެކު ޑެންމާކުން މިވަނީ މިއީ ހަޤީޤަތަކަށް ނުވާނެ ކަން ކަށަވަރުކޮށްދީފައެވެ.