ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަނެއްކާވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފުލުހަށް ހުށަހަޅައިފިއެވެ.

މިކަން ފުލުހުންގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ޕީޖީ ގެ އެންގެވުމުގެ މަތިން ކުރަމުން ދާކަމަށެވެ.

މީގެ ކުރިންވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ދޫކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު އަލީ ވަހީދު ވަނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުން ލަންޑަނަށް ފުރާވަޑައިގެންފައެވެ. އެ ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައި ވަނީ 4 މަސްދުވަހަށް ނަމަވެސް އަދިވެސް އޭނޢ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އޭނާ ވަނީ އޭނާގެ ބޭސްފަރުވާ އަދިވެސް ނުނިމޭ ކަމަށާ އޮންލައިންކޮށް އަޑުއެހުން ބާއްވައިދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ސިޓީއަށް ޖަވާބުދެމުން ބުނީ އޮންލައިންކޮށް ޝަރީއަތް ނުބޭއްވޭނެ ކަމަށެވެ. އަދި އެދުވަހުގެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ދެން އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 21 ވަނަ ދުވަހަށް ތާވަލުކޮށް އޮންލައިންކޮށް ވަނީ ޝަރީއަތް ކުރިޔަށް ގެންގޮސްފައެވެ. އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމުން ޕީޖީ އިން ބުނެފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ވަހީދުގެ ޝަރީއަތް ނުހިންގޭނެ ކަމަށެވެ. އެއީ ކޮވިޑްގެ ހާލަތާ ގުޅިގެން ޝަރީއަތް ކުރުމާ ގުޅޭ ހާއްސަ އިޖުރާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ 12 ހާލަތެއް އޮންނަ ކަމަށާ އެއިން އެއްވެސް ހާލަތަކަށް އަލީވަހީދުގެ ހާލަތު ނުފެތޭތީ ކަމަށެވެ.

ޕީޖީ އިން ބުނެފައި ވަނީ އަލީ ވަހީދު ހުންނެވީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ކަމަށާ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުންނަވާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ނުބޭއްވޭނެ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރެއްވައިފާ ވާ ކަމުގެ ތުހުމަތުގައެވެ.

އަލީވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ރޭޕް ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ އަމަލެއް ހިންގުމަށް އެދުމުގެ 2 ދައުވާއަކާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަނެއް ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމާ އަދި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.