ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެތަނުގައި މަސައްކަތް ކުރާ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިޔާގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 7 މުވައްޒަފުން ސަސްޕެންޑުކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އަދި އެމުވައްޒަފުން ސަސްޕެންޑް ކޮށްފައި ވަނީ އިއްޔެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެއީ ސީދާ ކޮން މައްސަލަ އަކާ ގުޅިގެން ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި 7 މުވައްޒަފުން ސަސްޕެންޑް ކުރީ މިމަހުގެ 12 ވަނަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައި ގައެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި މިމަހު 12 ވަނަ ދުވަހު ވަނީ މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެމީހާގެ ބަންދަށް 10 ދުވަސް ޖެހިއިރު އެ 10 ދުވަސް ހަމަވެގެން މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.