ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލޭންޑް ދެވަނަ ބުރަށް ހިނގައްޖެއެވެ. އިންގްލޭންޑަށް ގްރޫޕްގެ އެއްވަނަ ކަށަވަރުވީ ރޭ ޗެކް ރިޕަބްލިކްއާ ދެކޮޅަށް ކުޅުނު މެޗު 1-0 އަކުން ކާމިޔާބުކުރުމުންނެވެ.

މެޗުގެ 12 ވަނަ މިނެޓްގައި ސްޓާލިންގް ލަނޑު ޖަހަނީ/ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ރޭގެ މެޗުގައި އިންގްލޭންޑުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރަހީމް ސްޓާލިންގެވެ. މިލަނޑު އޭނާ ޖެހީ މެޗުގެ 12 ވަނަ މިނެޓްގައެވެ.

އިންގްލޭންޑަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް އެޓީމުން މެޗު ނިންމާލާފައިވަނީ މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގެ ވެސް ސްކޯލައިނާއެކުއެވެ.

އިންގްލޭންޑްގެ ފޯވަޑް ހެރީ ކޭންގެ ފަރާތުން ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ފެނުނު/ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އިންގްލޭންޑް މޮޅުވި އިރު އެޓީމުން ވަނީ އެއް މެޗުން އެއްވަރުވެފައެވެ. އެހެން ނަމަވެސް ކުޅުނު ތިން މެޗުގައި ވެސް އިންގްލޭންޑްގެ ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަދެފައެއް ނުވެއެވެ.

ދެވަނަ ބުރުގައި އިންގްލޭންޑުން ވާދަކުރަން ޖެހޭނީ މުބާރާތުގެ މަރުގެ ގްރޫޕް ކަމަށް ބުނާ ގްރޫޕްގެ އެފްގެ ދެވަނައަށް ދާ ޓީމާއެވެ. އެގްރޫޕްގެ ދެވަނަ ޓީމު އެނގޭނީ އެންމެ ފަހު މެޗުތައް ކުޅުމުންނެވެ. އެގްރޫޕްގައި ހިމެނެނީ ފްރާންސް، ޖާމަނީ، ޕޯޗުގަލް އަދި ހަންގެރީއެވެ.