ލޯތްބާއި އަޅާލުމާ ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނައަޅަންޖެހޭ ވަރު ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވެއްޖެއެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ފޮއްޓަކަށް ލައި ހުޅުމާލެ ފޭސް 2 ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރުއެވެ. މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށް ވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މިހާރު އާއިލާއާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން ދަނީ އެ ކުއްޖާގެ ޕޯސްޓް މޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިއުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްވެސް ވަނީ 13 އަހަރުގެ ކުއްޖެއް ރަހީނުކޮށް މަރާލި ހަބަރު އަޑުއިވިވަޑައިގަތުމުން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ކުރި މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭކަމަށާ މިކަން ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ރޭ ހެންވޭރުގެ ގެއެއް ބަލައި ފާސްކޮށްފައި ވާއިރު 17 އަހަރުގެ ކުއްޖަކާ 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.
ތެދެއް
މުަޅި ގައުމު ފެއިލްވެފާ
ނޫން މިކަމުގައި ހަޤީޤަތަށް ދަންނަވާނަމަ ކަރުނައަޅަން ވީއޭ ބުނުމުން ނުފުދެއެވެ. މިކަމުގައި އަޅުގަނޑު ކުށްވެރިކުރާނީ ސަރުކާރުގެ ވެރިންނާއި ޕާޓީތަކުގެ ވެރިންނާއި ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންނެވެ. މިކަމުގައި ކުރަން އޮތީ އެންމެކަމެއް ދިވެހިޤާނޫނު މަރަށް މަރު ހިފުމައް ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާ އެޤާނޫނު ތަސްދީގުކުރުން މިނޫން އެއްވެސްގޮތެއް ނެއްކަން ހުރިހައި މީހުނަށްވެސް އެގެއެވެ.