ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ ޑެންމާކްއާ ރަޝިޔާ ވާދަކުރި މެޗު 4-1 އަކުން ޑެންމާކް ކާމިޔާބުކޮށްގެން މުބާރާތުގެ ދެވަނަ ބުރަށް ހިނގައްޖެއެވެ.
މިއީ މިމުބާރާތުގައި ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހުނު ޑެންމާކް ޓީމަށް ލިބިގެން ދިޔަ ބޮޑު އުފުލެކެވެ. މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ޑެންމާކްގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓިއަން އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުމުން ޓީމަށް ލިބިގެން ދިޔަ ނިކަމެތިކަމުން އަރައިނުގަނެވޭނެ ކަމަށް ބެލެވުނެވެ. އެހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗު ކުރިއަށް ގެންދަން ދެ ޓީމުން ނިންމި އިރު އެމެޗުން ޑެންމާކް ބަލިވިއެވެ.
އެއަށް ފަހު ދެން ގްރޫޕްގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ހަނި ނަތީޖާއަކުން ޑެންމާކް ބަލިވި އިރު ރޭގެ މެޗަކީ ޑެންމާކްއަށް ކޮންމެހެން މޮޅުވާން ޖެހޭ މެޗެކެވެ. އަދި މެޗުން މޮޅުވެގެން އެކަނި ނުވާނެ ކަމަށާ ގިނަ ލަނޑުތަކެއް ޖަހަން ޖެހޭ ކަން ވެސް އެޓީމަށް މެޗުގެ ކުރިން އެނގެއެވެ.
މިކަމަށްޓަކައި ޑެންމާކްވަނީ މެޗުގެ ފުރަތަމަ ހާފްގައި ވެސް އަމާޒު ހިފާފައެވެ. އަދި މެޗުގެ 38 ވަނަ މިނެޓްގައި މިކެލް ޑަމްސްގާޑް ޖަހާ ދިން ލަނޑާއެކު ޑެންމާކަށް 1-0 ގެ ލީޑެއް ލިބުނެވެ.
ދެވަނަ ހާފްގައި ޑެންމާކްގެ އިތުރު ހަމަލާތައް ފެނިގެން ދިޔަ އިރު މެޗުގެ 59 ވަނަ މިނެޓްގައި ޔޫފުސް ޕޮލްސަން ވަނީ ލަނޑެއް ޖަހާ ސްކޯ 2-0 އަކަށް ހަދާފައެވެ.
މެޗުގެ 70 ވަނަ މިނެޓްގައި ރަޝިޔާއަށް ލިބުނު ޕެނަލްޓީ އާތެމް ޒޫބާ ކާމިޔާބުކުރި އިރު މިލަނޑާއެކު ޑެންމާކުން އިތުރު ލަނޑުތައް ޖަހާނެ ހިތްވަރު ލިބިގެން ދިޔަ ކަހަލައެވެ.
އަދި ޑެންމާކް ދެވަނަ ބުރަށް ދިޔަ ކަން ކަށަވަރުކުރީ މެޗުގެ 79 ވަނަ މިނެޓްގައި އެންޑްރިއަން ކްރިސްޓިއަންސަން ލަނޑެއް ޖެހި އިރު މެޗުގެ 82 ވަނަ މިނެޓްގައި ޔޯކިމް މައެހެލް ޖެހި ލަނޑުތަކުންނެވެ.
ގްރޫޕްގައި ދެން ކުޅުނު މެޗުގައި ބެލްޖިއަމްގެ އަތުން ފިންލޭންޑް 2-0 ބަލިވި އިރު މިނަތިޖާގެ ސަބަބުން ޑެންމާކް ދެވަނަ ބުރަށް ދިޔައެވެ.
މުބާރާތުގެ ގަދަ 16ގައި ޑެންމާކުން ވާދަކުރަން ޖެހޭނީ ގްރޫޕްގެ އޭގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ ވޭލްސްއާއެވެ.