މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގެ ފަހު މެޗުތައް މިރޭ ކުޅުނު އިރު ޔޫކްރެއިނާ އޮސްޓްރިއާ ބައްދަލުކުރި މެޗު 0-1 އަކުން ކާމިޔާބުކޮށްގެން އޮސްޓްރިއާއިން މުބާރާތުގެ ދެވަނަ ބުރަށް ހިނގައްޖެއެވެ.

އޮސްޓްރިއާ ދެވަނަ ބުރަށް ދިޔައީ މި މޮޅާއެކު ލިބުނު ތިން ޕޮއިންޓުން އެޓީމަށް ގްރޫޕްގެ ދެވަނަ ކަށަވަރުވުމުންނެވެ. މުބާރާތުގައި އޮސްޓްރިއާއިން ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވި އިރު ދެވަނަ މެޗުގައި އޮސްޓްރިއާ ވަނީ ނެދަލޭންސް އަތުން ބަލިވެފައެވެ. އަދި ޔޫކްރެއިން އަށްވެސް ފުރަތަމަ ދެމެޗުން މިނަތީޖާތައް ނެރެވުނު އިރު މެޗު ފެށުމުގެ ކުރިން ވެސް ދެވަނަ ބުރަށް ދާނީ މޮޅުވާ ޓީމެއް ކަން ދެޓީމަށް ވެސް އެނގެއެވެ.

މިމެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ /ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ޖެހި ހަމައެކަނި ލަނޑު އޮސްޓްރިއާއިން ކާމިޔާބުކުރީ މެޗުގެ 21 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ޑޭވިޑް އަލަބާގެ ޕާހަކުން ކްރިސްޓޯފް ބޯމްގާޓްނާއެވެ.

އޮސްޓްރިއާގެ ލަނޑު ޖަހާ ދިން ބޯމްގާޓްނާ/ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މެޗުގެ ބާކީ އޮތްބައިގައި ޔޫކްރެއިންއިން ލަނޑެއް ޖަހާ ސްކޯ ހަމަހަމަ ކުރަން މަސައްކަތް ކުރި އިރު މެޗުގެ ނަތީޖާ ކަށަވަރު ކުރުމަށް އޮސްޓްރިއާއަށް ވެސް ގިނަ ފުރުސަތުތައް ލިބުނެވެ.

މެޗުން މޮޅުވެ ދެވަނަ ބުރަށް ދިޔަ އޮސްޓްރިއާ ގަދަ 16 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ޓީމު ކަމަށްވާ އިޓަލީއާއެވެ. އެމެޗުން މޮޅުވާ ޓީމެއް ދާނީ މުބާރާތުގެ ކުއާޓާ ފައިނަލަށެވެ.

ގްރޫޕް ސީން ތިން ވަނަ ލިބުނު ޔޫކްރެއިންއަށް އަދި މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ ހުރިހާ ގްރޫޕަކުން ތިން ވަނައަށް އެންމެ މޮޅު ޓީމުގެ ތެރެއިން އެންމެ ރަނގަޅު ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމުގެ ތެރޭގައި ލައްވާލައިފިނަމައެވެ.