ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނެދަލޭންޑްސްއިން ގްރޫޕް ސްޓޭޖް ނިންމާލައިފިއެވެ.

އެޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ ދެމެޗުގައި ޔޫކްރެއިން އަދި އޮސްޓްރިއާ ބަލިކުރި އިރު މިރޭ ނެދަލޭންޑްސްއިން ވަނީ ނޯތް މެސަޑޯނިއޯ 3-0 އަކުން ބަލިކޮށްފައެވެ.

މިމެޗުގައި ނެދަލޭންޑްސްއިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ދާދި ފަހުން ސްޕެއިން ބާސޮލޯނާއާ ގުޅުނު ފޯވަޑް މެމްފިސް ޑިޕޭއެވެ. މިއީ މުބާރާތުގައި އޭނާ އެޓީމަށް ޖަހާ ދިން ދެވަނަ ލަނޑު ވެސް މެއެވެ.

ފުރަތަމަ ލަނޑު ޖެހި ޑިޕޭއި/ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިލަނޑު ޑިޕޭއި ޖަހާފައިވަނީ މެޗުގެ 24 ވަނަ މިނެޓްގައެވެ.

މެޗުގެ ދެވަނަ ހާފްގައި ނެދަލޭންސްއިން ވަނީ އިތުރު ދެލަނޑު ޖަހާފައެވެ. މި ގޮތުން މެޗުގައި އެޓީމުން ޖެހި ދެވަނަ ލަނޑު މެޗުގެ 51 މިނެޓްގައި ކާމިޔާބުކޮށް ދިނީ ކެޕްޓަން ޖީނީ ވަނައިލްޑަމްއެވެ.

ވަނައިލްޑަމް ލަނޑު ޖަހަނީ/ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ވަނައިލްޑަމް ވަނީ މެޗުގެ 58 ވަނަ މިނެޓްގައި ވެސް ލަނޑެއް ޖަހާފައެވެ. އޭނާ ނެދަލޭންޑްސްއަށް އެންމެ ފަހުން ކުޅުނު 28 މެޗުގައި މިވަނީ 17 ލަނޑު ޖަހާ ދީފައެވެ.

ނެދަލޭންޑްސްގެ ކެޕްޓަން ޖީނީ ވަނައިލްޑަމް/ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިމެޗުން މޮޅުވުން ނެދަލޭންޑްސް ގްރޫޕް ސްޓޭޖް ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ ލިބެން އޮތް ހުރިހާ ޕޮއިންޓެއް ހޯދައިގެންނެވެ. ދެވަނަ ބުރުގައި ނެދެލޭންޑްސް ކުޅޭނެ ޓީމެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗުތަކެއް ނިމުމުންނެވެ.