ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕްގެ އެންމެ މޮޅު ދެޓީމުގެ ގޮތުގައި އިޓަލީއާ ވޭލްސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މިދެ ޓީމުގެ ދެވަނަ ބުރަށް ދިޔައީ މިރޭ އިޓަލީގެ ރޯމްގައި ދެޓީމުގެ ދެމެދު ކުޅުނު މެޗު 1-0 އަކުން އިޓަލީ ކާމިޔާބުކުރި އިރު ގްރޫޕްގައި ދެން ކުޅުނު އަނެއް މެޗުގައި ސުވިޓްޒަލޭންޑާ ތުރުކީ ވާދަކޮށް 3-1 އަކުން ސުވިޓްޒަލޭންޑް މޮޅުވުމުންނެވެ.

ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިޓަލީ ދެވަނަ ބުރަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

ގްރޫޕްގެ ދެވަނައިގެ ގޮތުގައި ވޭލްސްއަށް ދެވަނަ ބުރަށް ދެވުނީ އެޓީމުން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެ ދެވަނަ މެޗުން މޮޅުވި އިރު މިރޭގެ އަނެއް މެޗުން މޮޅުވި ސުވިޓްޒަލޭންޑަށް ވުރެ ގޯލް ޑިފަރެންސް ރަނގަޅުވުމުންނެވެ.

މިރޭގެ މެޗުގައި ވޭލްސްއަށް މާމޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު މެޗުގެ ކުރިން އިޓަލީން ވަނީ އެޓީމުގެ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

ވޭލްސްއަށް ލަނޑު ޖަހާ ބޭލްއަށް ލިބުނު ފުރުސަތު ވަނީ ނަގާލާފައި/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އެހެން ނަމަވެސް މެޗުގައި ގިނަ ހަމަލާތައް އުފައްދާ ނުރައްކާތެރި ޗާންސްތައް އުފެއްދީ އިޓަލީންނެވެ. އަދި މެޗުގެ 39 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޕެސީނާއެވެ.

އިޓަލީގެ ލަނޑު ޖެހި ޕެސީނާ/ ފޮޓޯ: ގޯލް

މެޗުގެ ދެވަނަ ހާފްގައި ވެސް އިޓަލީން ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކުރި އިރު މެޗުގެ 55 ވަނަ މިނެޓްގައި ވޭލްސްގެ އެމްޕާޑޫއަށް ދެއްކި ސީދާ ރަތް ކާޑާއެކު ވޭލްސްއަށް މެޗު އިތުރަށް އުނދަގޫ ވިއެވެ.

އެހެން ނަމަވެސް އެޓީމު ވަނީ އިޓަލީއަށް އިތުރު ލަނޑެއް ޖެހުނުކު ނުދީ ހިފަހައްޓާ ދެވަނަ ބުރަށް ގޮސްފައެވެ.