ޑިއުޓީ ޕްރޮސެކިއުޝަން އުފެއްދީ މަސައްކަތުގެ ޕްރޮސެސް އަވަސްކުރަން ކަމަށާ، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްސަލައިގައި ޑިއުޓީ ޕްރޮސެކިއުޝަން އަށް އަމަލުކޮށްފައިނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ 2011 ވަނަ އަހަރު އުފެއްދި ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ހުށައަޅުއްވާ ފަރާތުން ޕީޖީއަށް މައްސަލަ ހުށައެޅުމުގެ ކުރިން އެ މައްސަލައިގައި ހިމެނޭ ލިޔުންތައް ޕީޖީއަށް ހުށައަޅައި ޕީޖީ އިން އެ ލިޔެކިޔުންތައް ބަލައި މަދުވާ ލިޔުމެއްވާނަމަ އެކަން މައްސަލަ ހުށައަޅާ ފަރާތައް އަންގާނެ ކަމަށެވެ. އަދި މިގޮތަށް ގެންދިޔުމުގެ ސަބަބުން މައްސަލަ ހުށައަޅާ ފަރާތާ މައްސަލަ ބަލާ ފަރާތަށްވެސް ފަސޭހަވެ ވަގުތު ސަލާމަތްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ކުރިން އޮންނަ ގޮތުންނަމަ އެންމެ ފުރަތަމަވެސް ސިޓީއަކުން ޕީޖީއަށް މައްސަލަ ހުށައަޅެޅުން ކަމަށާ ޕީޖީއަށް މައްސަލަ ހުށައެހެޅުމުން އެ މައްސަލައިގައި މަދުވާ ލިޔުންތަކާ ފުށުއަރާ ކަންތައްތައް ސިޓީއަކުން އަނެއްކާވެސް މައްސަލަ ހުށައެޅި ފަރާތައް ފޮނުވާނެ ކަމަށެވެ. އަދި މިގޮތަށް ސިޓީ ފޮނުވައިގެން މަސައްކަތް ކުރާއިރު 2 ހަފްތާ ވެގެންދާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
މަހުލޫފްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީއަށް އެންމެ ފުރަތަމަ މައްސަލަ ލިބުނީ ސިޓީއަކުން ކަމަށާ މައްސަލަ ލިބުނު އިރު މައުލޫމާތުތައް ފުރިހަމަނުވާ ކަމަށެވެ. އަދި ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރެއިން އައިނަމަ ހުރިހާ މައުލޫމާތެއްވެސް ސިޓީބިޓީ ބަދަލުނުކޮށް ހޯދުނިސް ކަމަށް ޝަމީމް ވިދާޅުވިއެވެ.
މިހާރު ޕީޖީއަށް ހުށަހަޅާ މައްސަލަ ކޯޓަށް ފޮނުވުން އަވަސްވެގެން ދަނީވެސް ޑިއުޓީ ޕްރޮސެކިއުޝަން ފޮލޯކުރާތީ ކަމަށާ، އެ ޕްރޮސީޖާ ފޮލޯކުރުމުން ޕީޖީއަށް މައްސަލަ ހުށައެޅުމުގެ ކުރިން މައްސަލައާމެދު މަޝްވަރާ ކުރެވިފައިވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އެ އޮފީހަށް މައްސަލައެއް ހުށަހެޅުމުން ކޯޓަށް މައްސަލަ ފޮނުވަން ގާނޫނުގައި 10 ދުވަސްކަމަށް ބުނެފައި އޮތަސް މިހާރު ނަގަނީ 6 ދުވަސް ކަމަށާ މަސައްކަތް މި ކުރަނީ އެ މުއްދަތު 4 ދުވަހަށް ކުޑަކުރަން ކަމަށެވެ. އަދި މިހާރު ޑިއުޓީ ޕްރޮސެކިއުޝަންގެ ތެރޭގައި މަޝްވަރާކުރާ ބައިވަރު މައްސަލަ އެބަހުރިކަމަށާ، ނަމަވެސް މަޝްވަރާ ނިމިގެން އޮފީހަށް ލިބި ދިރާސާކުރާ މައްސަލައެއް، އެމްއެމްޕީއާރުސީއާ ގުޅޭ އަދި އެހެން ބޮޑުމައްސަލައެއްވެސް ނޯންނާނެ ކަމަށެވެ.