މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ސްޕެއިންއާ ޕޮލެންޑް ބައްދަލުކުރި މެޗު 1-1 އަކުން އެއްވަރުވެއްޖެއެވެ.

ސްޕެއިންގެ ސެވީލްގައި ކުޅުނު މިމެޗުގެ ފުރަމަތަ ލަނޑު ޖަހާ ލީޑު ނެގީ ސްޕެއިނުންނެވެ. މިގޮތުން، މެޗުގެ 25 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ ގޯލާ ކައިރިން ޖެހި ޝޮޓް އޮފްސައިޑްތޯ ބެލުމަށް ފަހު މެޗުގެ އޮފިޝަލުން ވަނީ އެއީ ގޯލެއް ކަމަށް ކަނޑައަޅާފައެވެ.

މެޗުގެ 25 ވަނަ މިނެޓްގައި ސްޕެއިންއަށް ލީޑު ނަގާ ދިނީ މޮރާޓާ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރު ތަކެއް ނުވެ ޕޮލެންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބަޔާން މިއުނިކްއަށް ކުޅޭ ފޯވަޑް ރޮބާޓް ލެވަންޑޯސްކީއެވެ.

ޕޮލޭންޑްގެ ލަނޑު ޖަހާ ދިން ލެވަންޑޯސްކީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އެއަށް ފަހު އަލުން ލީޑު ނެގުމުގެ ޗާންސް ސްޕެއިންއަށް ލިބުނު އިރު މެޗުގެ 58 ވަނަ މިނެޓްގައި ސްޕެއިންއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެހެން ނަމަވެސް އެޓީމުގެ ގެރާޑް މޮރޭނޯ ޖެހި ޕެނަލްޓީ ނިކުތީ ދަނޑީގައި ޖެހިފައެވެ.

މެޗުން މޮޅުވުމަށް ސްޕެއިންއިން އިތުރު ހަމަލާތައް އުފެއްދި ނަމަވެސް ޕޮލޭންޑްގެ ކީޕަރު ޝެޒްނީ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.

ޕޮލެންޑްގެ ކީޕަރު ޝެޒްނީ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައި/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިމެޗުން އެއްވަރުވެ ކުޅުނު ދެމެޗުން ވެސް މޮޅު ނުވެވުނު ސްޕެއިން މިވަނީ ގްރޫޕްގެ ތިން ވަނަ އަށް ވެއްޓި ދެން އަންނަ ބުރަށް ނުދެވޭނެ ކަމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ.

އަނެއްކޮޅުން، ފުރަތަމަ މެޗުން ބަލިވެ ރޭގެ މެޗުން ޕޮއިންޓެއް ލިބުނު ޕޮލޭންޑް މިވަނީ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ.