ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ އެންމެ އުނދަގޫ ގްރޫޕް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ގްރޫޕް އެފްގައި މިރޭ ޖާމަނީއާ ޕޯޗުގަލް ކުޅުނު ފޯރިގަދަ މެޗު 4-2 އަކުން ޖާމަނީ ކާމިޔާބުކޮށްފިއެވެ.
ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ނުރައްކާތެރި ހަމަލާތައް އުފައްދާފައިވަނީ މުބާރާތުގެ ކުޅުނު މެޗުގައި ފްރާންސް އަތުން ބަލިވި ޖާމަނީއެވެ. މިގޮތުން، ޖާމަނީ ވަނީ މެޗުގެ 5 ވަނަ މިނެޓްގައި ލަނޑެއް ޖަހާފައެވެ. އެހެން ނަމަވެސް މެޗުގެ އޮފިޝަލުން ވަނީ މިލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ކުޅުމުގެ އޮއިވަރާ އިދިކޮޅަށް ޕޯޗުގަލްއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޕޯޗުގަލްއިން އުފެއްދި ކައުންޓާ އެޓޭކެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ މިމުބާރާތުގައި ރޮނާލްޑޯ ޖެހި ތިން ވަނަ ލަނޑަށް ވާ އިރު އޭނާ އަނެއްކާވެސް މިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ރިކޯޑް މުގުރާލާފައެވެ.
ޕޯޗުގަލްގެ ލަނޑަށް ފަހު ވެސް ޖާމަނީއިން ވަރުގަދަ ކުޅުމެއް ދައްކަމުން ދިއުމުގެ ނަތީޖާއަކަށްވީ ފުލުފުލުގައި ދެލަނޑު އެޓީމުން ޖެހުމެވެ. މެޗުގެ 35 ވަނަ މިނެޓާ 39 ވަނަ މިނެޓް ޖާމަނީއިން ޖެހި މިދެލަނޑަކީ ވެސް ޕޯޗުގަލްގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަތް ދެ ލަނޑެވެ.
ފުރަތަމަ ހާފް ޖާމަނީ ކުރީގައި އޮވެ ނިމުނު އިރު ދެވަނަ ހާފް ފެށުނު ތަނާހެން އެޓީމުން ވަނީ ސްކޯ 3-1 އަކަށް ހަދާފައެވެ. މެޗުގެ 51 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މުޅި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ކައި ހަވޭޓްޒްއެވެ.
އޭނގެ 9 މިނެޓް ފަހުން މެޗުގެ 60 ވަނަ މިނެޓްގައި ޖާމަނީއިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ގޯސެންސެވެ.
މެޗުން ޕޯޗުގަލް އަށް ޕޮއިންޓެއް ލިބޭނެ ކަމުގެ އުއްމީދު އާވީ މެޗުގެ 67 ވަނަ މިނެޓްގައި ޑިއާގޯ ޖޮޓާ ޖެހި ލަނޑާއެކުއެވެ. އަދި އެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނު ނަމަވެސް މެޗު ނިމުނީ 4-2 އަކުން ޖާމަނީ މޮޅުވެގެންނެވެ.
މިމެޗުން މޮޅުވުމުން ޖާމަނީއަށް މިވަނީ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާވެފައެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ހަންގެރީ އަތުން މޮޅުވެގެން ޖާމަނީ އަށް ގަދަ 16 ކަށަވަރުވާނެއެވެ.
މިމެޗުން ބަލިވި ޕޯޗުގަލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައި އޮތުމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް އަދި ވެސް އެބައޮތެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ފްރާންސާ ދެކޮޅަށް ނިކުންނަ މެޗަކީ ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗަކަށް ޕޯޗުގަލްއަށް ވާނެއެވެ.