ޔޫރޯ 2020 ގްރޫޕް އެފްގައި މިރޭ ހަންގެރީއާ އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސްއާ ދެމެދު ކުޅުނު މެޗު 1-1 އަކުން އެއްވަރު ވެއްޖެއެވެ.

ހަންގެރީގެ ވެރިރަށް ބުޑަޕެސްޓްގައި 60 ހާސް ސްޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ގިނަ ހަމަލާތައް އުފެއްދީ ފްރާންސުންނެވެ. މިގޮތުން އެޓީމުގެ ކިލިއަން އެމްބާޕޭ އަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބިފައެވެ.

އެހެން ނަމަވެސް ވޯލްޑް ޗެމްޕިއަންސް ސިއްސުވާލީ މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ހަންގެރީގެ އަޓީލާ ފިއޯލާ ޖެހި ލަނޑާއެކުއެވެ. މިލަނޑާއެކު މެޗު ބަލަން ވަދެ ތިބި ހަންގެރީގެ ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލިއެވެ.

ހަންގެރީގެ ލަނޑު ޖެހި ފިއޮލާ އުފާ ފާޅުކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މެޗުގެ ދެވަނަ ހާފްގައި ފްރާންސަށް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު ދެވަނަ ހާފްގައި ކުޅެން ނިކުތް ފޯވަޑް ޑެމްބެލޭ ޖެހި ޝޮޓް ނިކުތީ ދަނޑީގައި ޖެހިފައެވެ.

ފްރާންސްއިން ސްކޯ އެއްވަރުކުރީ މެޗުގެ 66 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމު ކާމިޔާބުކުރީ ކީޕަރު ހޫގޯ ލޮރީސް ކުރިއަށް ޖެހި ބޯޅައެއް މަތަކޮށް އެމްބާޕޭ ނަގާ ދިން ހުރަހަކުން ބާސޮލޯނާގެ ފޯވަޑް އެންޓޯއިން ގްރީޒްމަންއެވެ.

ފްރާންސްގެ ލަނޑު ޖެހި ގްރީޒްމަން/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިމެޗުން އެއްވަރުވުމުން ގްރޫޕް އޭފް އިން ގަދަ 16 އަށް ދާނެ ޓީމެއް އަދި ކަށަވަރު ނުވެއެވެ. މިގޮތުން ގްރޫޕްގައި މިރޭ ޕޯޗުގަލް އަދި ޖާމަނީ ކުޅޭ މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ޗާންސް ޕޯޗުގަލްއަށް އެބައޮތެވެ.

އެހެން ނަމަވެސް ފްރާންސްއަށް ދެވަނަ ބުރު ކަށަވަރުވާނީ އެންމެ ފަހު މެޗުގައި ޕޯޗުގަލްއާ ކުޅޭ މެޗުގެ ނަތީޖާ ރަނގަޅުކޮށްގެންނެވެ.