ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ އިންގްލޭންޑާ ސްކޮޓްލޭންޑް ކުޅުނު މެޗު 0-0 އަކުން އެއްވަރުވެއްޖެއެވެ.

ޒަމާނުއްސުރެ ހާއްސަ ވާދަވެރި ކަމެއް އޮންނަ ދެގައުމުގެ ދެމެދު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓްގެ ތެރޭގައި އިންގްލޭންޑުގެ ޑިފެންޑަރު ޖޯން ސްޓޯންސް ބޮލުން ޖެހި ބޯޅައެއް ވަނީ ދަނޑީގައި ޖެހި އަލުން ނިކުމެފައެވެ.

އެހެން ނަމަވެސް އެއަށް ފަހު މެޗުގައި އިންގްލޭންޑަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު މިފަހަރުގެ ޕްރިމިއާ ލީގު ސީޒަންގައި އެންމެ ގިނަ ގޯލު ޖަހާ ރަންބޫޓު ހާސިލްކުރި އިންގްލޭންޑްގެ ފޯވަޑް ހެރީ ކޭންގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

ސްކޮޓްލޭންޑްގެ ސްކޮޓް މެކްޓޮމްނީ ވަނީ މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައި/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ބަދަލުގައި މުޅި މެޗުގައި ރަނގަޅަށް ކުޅެ ނުރައްކާތެރި ހަމަލާތައް ވެސް އުފައްދާފައިވަނީ ސްކޮޓްލޭންޑުންނެވެ. އަދި ފުރަތަމަ ހާފްގައި އެޓީމުގެ އޯޑޮނެލް ގޯލާ އަމާޒުކޮށް ޖެހި ޝޮޓް ލަނޑަކަށް ވިޔަ ނުދީ ސަލާމަތްވީ އިންގްލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑްގެ ހުޝިޔާރުކަމުންނެވެ.

އިންގްލޭންޑްގެ ކީޕަރު ޕިކްފޯޑް މުހިންމު ސޭވްއެއް ކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް މާ ނުރައްކާތެރި ކުޅުމެއް ފެނިފައި ނުވާ އިރު އިންގްލޭންޑްގެ ކޯޗު ވަނީ ކެޕްޓަން ހެރީ ކޭން ބާލާ ޓީމަށް ބަދަލު ގެނެސްފައެވެ. އެހެން ނަމަވެސް މިބަދަލުތަކާ އެކު ވެސް ޓީމަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ އިރު މެޗު ނިމުނީ 0-0 އަކުން އެއްވަރުވެގެންނެވެ.

ސްކޮޓްލޭންޑްގެ އޭރިއާ ތެރެއިން ބޯޅަ ސަލާމަތްކުރުމަށް އެޓީމުގެ ކުޅުންތެރިން މަސައްކަތް ކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިމެޗުން އެއްވަރުވުމުން އިންގްލޭންޑަށް ގްރޫޕްގައި ކުޅުނު ދެމެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ. އަދި ސްކޮޓްލޭންޑަށް މިރޭ މިލިބުނީ މުބާރާތުގައި އެޓީމަށް ކާމިޔާބުވި ފުރަތަމަ ޕޮއިންޓެވެ.

މި ނަތީޖާއާއެކު މި ގްރޫޕުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާނެ ޓީމުތައް ކަނޑައެޅޭނީ ހުރިހާ ޓީމަކުން ވެސް ގްރޫޕް ސްޓޭޖްގައި ކުޅޭ އެންމެ ފަހު މެޗުންނެވެ. މިގޮތުން، އިންގްލޭންޑް ދެން ވާދަކުރަން ޖެހޭނީ އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވި ޗެކް ރިޕަބްލިކްއާއެވެ. އަދި ސްކޮޓްލޭންޑް ކުޅެން ޖެހޭނީ އަދި އެއްވެސް މެޗަކުން މޮޅު ނުވާ ކްރޯއޭޝިއާއާއެވެ.