ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ޑެންމާކާ ފިންލޭންޑް ކުޅުނު މެޗުގައި ހޭނިތިގެން ދަނޑު މައްޗަށް ވެއްޓުނު ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މިމެޗުގައި އެރިކްސަން ދަނޑު މައްޗަށް ވެއްޓިފައިވަނީ އޭނާގެ ހިތް ހުއްޓިގެން ކަމަށް ފަހުން އެނގިފައިވާ އިރު ދަނޑުމަތީގައި އޭނާއަށް ވަނީ ސިއްހީ އަވަސް ފަރުވާވެސް ދީފައެވެ.

އެރިކްސަން އަށިގަނޑަށް ލައިގެން ގެންދާ އިރު އޭނާ ބަލަހައްޓައިގެން

އޭނގެ ފަހުން މިއަދާ ހަމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އެރިކްސަން ދޫކޮށްލާފައި މިވަނީ ހިތުގެ ވިންދު އެއް ވަރެއްގައި ބަހައްޓާފަދަ ޑިވަސެއް އޭނާގެ ހަށިގަނޑަށް ލެއްވުމަށް ކުރި އޮޕަރޭޝަނަށް ފަހުއެވެ. މި ޑިވަައިސް އެރިކްސަންގެ ހަށިގަނޑަށް ލައްވަން ޖެހުނީ އޭނާގެ ހިތް އަދި ވެސް މުޅިން ރަނގަޅު ނުވާތީ ކަމަށް ހަބަރު ލިބެއެވެ.

ކްރިސްޓިއަން އެރިކްސަން ހޮސްޕިޓަލްގައި/ ފޮޓޯ: ޑެންމާކް އެފްއޭ ޓުވިޓާ

ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެރިކްސަން ވަނީ އޭނާގެ ޓީމަށް ޒިޔާރަތްކޮށް ޑެންމާކްގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ހަދާފައެވެ. އެއަށް ފަހު ދެން އޭނާ ދާނީ ޑެންމާކްގައި ހުންނަ އޭނާގެ ގެއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެރިކްސަންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ އޮޕަރޭޝަން ކާމިޔާބު ކަމަށާ މިހާލަތުގައި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އިއްޔެ ޑެންމާކުން ބެލްޖިއަމްއާ ދެކޮޅަށް ދެއްކި މޮޅު ކުޅުމަށް ފަހު ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުވުމުން އުފާ ކުރާ ކަމަށާ ދެން ރަޝިޔާއާ ދެކޮޅަށް ނިކުންނަ އިރު ވެސް ޓީމަށް ސަޕޯޓްކުރަމުންދާނެ ކަމަށް ވެސް އެރިކްސަން ބުންޏެވެ.

މުޅި ޑެންމާކް އޮތީ ކްރިސްޓިއަންއާއެކު ޖަހާފައި އޮތް ބެނާއެއް

ރޭ ޑެންމާކާ ބެލްޖިއަމް ކުޅުނު މެޗުގެ 10 ވަނަ މިނެޓްގައި މެޗުގެ ރެފްރީ ވަނީ ކުޅުން ހުއްޓާލާ ގައުމީ ޓީމުގެ ޖާޒީ ނަންބަރު 10 ކަމަށްވާ އެރިކްސަން އަށް އެއް މިނެޓް ހާއްސަކޮށްފައެވެ.