މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ޗެކް ރިޕަބްލިކާ ކްރޮއޭޝިޔާ ވާދަ ކުރި މެޗު 1-1 އަކުން އެއްވަރުވެއްޖެއެވެ.

ސްކޮޓްލޭންޑްގެ ހެމްޓަން ޕާކްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ޗެކް ރިޕަބްލިކުންނެވެ. މިލަނޑު އެޓީމް ކާމިޔާބުކުރީ މެޗުގެ 37 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ޗެކް ރިޕަބްލިކްއަށް މި ޕެނަލްޓީ ލިބުނީ ކްރޯއޭޝިޔާގެ ޑިފެންޑަރު ޑެޖާން ލޮވްރަން އޭރިއާ ތެރެއިން ޗެކް ރިޕަބްލިކްގެ ފޯވަޑް ޕެޓްރިކް ޝިކްގެ މޫނު މަތީ އުޅަބޮށިން ޖަހާ ކުރި ފައުލަކަށެވެ. މެޗުގެ ރެފްރީ ޗެކް ރިޕަބްލިކް އަށް މި ޕެނަލްޓީ ދިނީ ދަނޑުގެ ކައިރީ ހުންނަ މޮނީޓަރު ފައުލްގެ ރީޕްލޭ ބެލުމަށް ފަހު އެވެ.

މިއީ މިމުބާރާތުގައި ޝިކް ޖެހި ތިން ވަނަ ލަނޑު/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ ވެސް ޝިކްއެވެ. މިއީ މުބާރާތުގައި ޝިކް ޖެހި ތިން ވަނަ ލަނޑެވެ.

ފުރަތަމަ ހާފް ޗެކް ރިޕަބްލިކް ކުރީގައި އޮވެގެން ނިންމާލި އިރު ދެވަނަ ހާފްގައި ކްރޮއޭޝިޔާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑުޖަހާނެ ފުރުސަތުތައް ވެސް ތަނަވަސްކޮށްފައެވެ.

ނަތީޖާއަކަށްވީ މެޗުގެ 47 ވަނަ މިނެޓްގައި ކްރޮއޭޝިޔާގެ މިޑްފީލްޑަރު އިވާން ޕެރަސިޗްގެ ހިތް ގައިމު ލަނޑާއެކު އެޓީމުން ސްކޯ ހަމަހަމަ ކުރުމެވެ.

އިވާން ޕެރަސިޗްގެ ހިތް ގައިމު ލަނޑު/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

1-1ގެ ސްކޯ އަކުން މެޗު ނިމުނު އިރު މިނަތީޖާގެ ސަބަބުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ބަލިކުރި ޗެކް ރިޕަބްލިކް މިވަނީ ޔޫރޯ 2020 ގެ ގަދަ 16 އާ ގާތަށް ޖެހިލާފައެވެ.

އަދި މިމެޗުން އެއްވަރުވި ނަމަވެސް ކްރޯއޭޝިޔާއަށް ގަދަ 16 އަށް ދިއުމުގެ ފުރުސަތު މިވަނީ ހަނިވެފައެވެ.