ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްލޮވާކިއާއާ ސުވިޑަން ވާދަކުރި މެޗު 0-1 އަކުން ސުވިޑަން ކާމިޔާބުކޮށްފިއެވެ.
ރަޝިޔާގެ ސެންޓް ޕީޓަސްބާގްގައި ކުރިއަށް ދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް ފެނިފައިވާ ނުވާ އިރު ދެޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެއް ނުވެއެވެ.
އެހެން ކަމުން ހާފް ނިމުނީ 0-0 އަކުން މެޗު އެއްވަރުވެ އޮވެއެވެ.
ދެވަނަ ހާފްގައި ސުވިޑަންއިން ވަނީ ޓީމުގެ ކުޅުން ރަނގަޅުކޮށް ސްލޮވާކިއާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން، އެޓީމަށް މެޗުގެ ލީޑު ނަގަން ފުލު ފުލުން ލިބުނު ގިނަ ފުރުސަތުތަކެއް ނަގާލި އިރު މެޗުގެ 77 ވަނަ މިނެޓްގައި ސުވިޑަންއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ.
މި ޕެނަލްޓީ ސުވިޑަންއަށް ލިބުނީ ސްލޮވާކިއާގެ އޭރިއާގެ ތެރެއިން އެޓީމުގެ ކީޕަރު މާޓިން ޑެބްރެވްކާ ސުވިޑަންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ސުވިޑަންގެ ފޯސްބާގް ފޮނުވާލި ޕެނަލްޓީ ވީ މުޅި މެޗުގައި ޖެހި ހަމައެކަނި ލަނޑަށެވެ.
މިމެޗުން މޮޅުވެ ސުވިޑަން މިވަނީ ގްރޫޕްގެ އެއްވަނައަށް އަރާފައެވެ. ފުރަމަތަ މެޗުގައި ސްޕެއިން އަތުން ޕޮއިންޓެއް ހޯދި އިރު ފަހު މެޗުގައި އެޓީމުން ވާދަކުރަން ޖެހޭނީ ޕޮލެންޑާއެވެ. އެމެޗުން މޮޅުވެއްޖެނަމަ ސުވިޑަންއަށް ގަދަ 16 ކަށަވަރު ވާނެ އިރު ދެވަނަ ބުރަށް ދާން ބޭނުން ނަމަ ސްލޮވާކިއާ ޖެހޭނީ ސްޕެއިން ބަލިކުރާށެވެ.