މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ރޭ ނެދަލޭންޑްސާ އޮސްޓްރިއާ ކުޅުނު މެޗު ކާމިޔާބުކޮށް ނެދަލޭންޑްސް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
ނެދަލޭންޑްސްގެ އެމްސްޓަޑޭމްގައި ކުޅުނު މިމެޗު ނެދަލޭންޑްސްއިން ކާމިޔާބުކުރީ 2-0 އަކުންނެވެ. މިގޮތުން ރޭގެ މެޗުގެ ފުރަތަމަ 15 މިނެޓްގެ ތެރޭގައި ނެދަލޭންޑްސްއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ.
ނެދަލޭންޑްސްއަށް މިލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 11 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މެމްފިސް ޑިޕޭއެވެ.
މެޗުގައި ދެޓީމަށް ވެސް މާ ރަނގަޅު ކުޅުމެއް ދެއްކިފައިވާ ނުވާ ފުރަތަމަ ހާފްގައި ނެދަލޭންޑްސްއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބުނު އިރު ޑިޕޭ ވަނީ އެފުރުސަތު ނަގާލާފައެވެ.
މެޗުގެ ދެވަނަ ހާފްގައި އޮސްޓްރިއާއިން މެޗުގެ ސްކޯ އެއްވަރުކުރުމަށް މަސައްކަތް ކުރި ނަމަވެސް ނެދަލޭންޑްސްގެ ގޯލަށް ނުރައްކާ ވާ ފަދަ ހަމަލާއެއް ނުއުފެއްދެވެ.
ބަދަލުގައި ދެވަނަ ހާފްގައި ވެސް ލަނޑެއް ޖަހާ ލީޑު ފުޅާ ކުރީ ނެދަލޭންޑްސެވެ. މެޗުގެ 67 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް ޑެންޒެލް ޑަމްފްރީޒެވެ.
0-2 އަކުން މެޗު ނިމުމުނި އިރު މުބާރާތުގައި ކުޅުނު ދެމެޗުން މޮޅުވެ ނެދަލޭންޑްސްއިން ވަނީ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިވޭތުވެދިޔަ ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ނެދަލޭންޑްސް ކެޓި އިރު މިއީ 2008 ވަނަ އަހަރުގެ ފަހުން ޔޫރޯގެ ގަދަ 16 ނެދަލޭންޑްސް ދިޔަ ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުން ދަށްވި އޮސްޓްރިއާއަށް އަދި ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތް އިރު އެޓީމުން ގްރޫޕް ސީގައި ކުޅޭ އެންމެ ފަހު މެޗުގައި ވާދަ ކުރާނީ ޔޫކްރެއިންއާއެވެ.