ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ގެ ފޭވަރެޓުން ކަމަށްވާ ބެލްޖިއަމް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ބެލްޖިއަމް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައިވާ މުބާރާތުގައި އެޓީމުން ކުޅުނު ދެވަނަ މެޗުގައި ފަހަތުން އަރާ 1-2 އަކުން ޑެންމާކް ބަލިކުރުމަށް ފަހު އެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ފިންލޭންޑް އަތުން ބަލިވި ޑެންމާކް ވަނީ މިމެޗު ފެށުނު ތަނާހެން ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 98 ވަނަ ސުކުންތުގައި ޑެންމާކްގެ ޔޫސުފް ޕޯލްސަން ޖެހި މިލަނޑަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް ދެވަނަ އަށް އެންމެ އަވަހަށް ޖެހި ލަނޑެވެ.
މިލަނޑަށް ފަހު ޑެންމާކަށް އިތުރު ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު އިރު މެޗުގެ ފުރަތަމަ ހާފްގައި ބެލްޖިއަމްއަށް މާރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
މިމެޗުގެ 10 ވަނަ މިނެޓްގައި ރެފްރީ ވަނީ 1 މިނެޓަށް މެޗުގެ ކުޅުން ހުއްޓާލާފައެވެ. މިއީ ޑެންމާކް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ޕްލޭމޭކަރު ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ވެއްޓި މުބާރާތާ ދުރަށް ދާން ޖެހުމުން އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ދެޓީމުން އެއްބަސްވެގެން ނިންމި ނިންމުކެވެ.
މިކަމުގައި ޑެންމާކްގެ ކުޅުންތެރިންނާ ސްޕޯޓަރުންގެ އިތުރުން ބެލްޖިއަމްގެ ކުޅުންތެރިންނާ ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.
މެޗުގެ ދެވަނަ ހާފްގައި ބެލްޖިއަމް ކުޅެން ނިކުތީ ވަރުގަދަ އަމާޒަކާ އެކު އެވެ. އަދި މާގިނަ އިރު ތަކެއް ނުވެ ބެލްޖިއަމްއިން ވަނީ ލަނޑެއް ޖަހާ ސްކޯ 1-1 އަކަށް ހަދާފައެވެ. ފޯވަޑް ލުކާކޫގެ މޮޅު ކުޅުމެއް ފެނިގެން ދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ތޯގަން ހެޒާޑެވެ.
މެޗުގައިި ބެލްޖިއަމްއަށް ލީޑު ނަގާ ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް ކެވިޑް ޑެބްރައިނާއެވެ. މެޗުގެ 70 ވަނަ މިނެޓްގައި އެޑަން ހެޒާޑްގެ އެސިސްޓަކާއެކު ޑެބްރައިނާ ކާމިޔާބުކުރި މިލަނޑަކީި ހިތްގައިމު ލަނޑެކެވެ.
މެޗުގެ ބާކީ އޮތް ބައިގައި ޑެންމާކުން ވަނީ އިތުރު ގިނަ ހަމަލާތަކެއް އުފައްދާ ލަނޑު ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ. މިގޮތުން އެޓީމުގެ ބްރައިތްވޭޓް ޖެހި ޝޮޓެއް ދަނޑީގައި ޖެހި ނިކުތް އިރު މުޅި މެޗުގައި ޑެންމާކުން ވަނީ ގޯލާ އަމާޒުކޮށް 15 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލާފައެވެ.
މިމެޗުގެ މޮޅުވެ ލިބުނު ތިން ޕޮއިންޓާ އެކު ބެލްޖިއަމް މިވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ.