ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިރޭ ޔޫކްރެއިންއާ ނޯތް މެސެޑޯނިއޯ ކުޅުނު މެޗު ޔޫކްރެއިނުން ކާމިޔާބުކޮށްފިއެވެ.

ރޯމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގައި ލީޑު ނަގާފައިވަނީ ވެސް ޔޫކްރެއިނުންނެވެ. މިގޮތުން، މެޗުގެ 29 ވަނަ މިނެޓްގައި ޔޫކްރެއިންއަށް މިލަނޑު ކާމިޔާބުކޮށް ދިނީ ޔޫކްރެއިންގެ ކެޕްޓަން އެންޑްރައި ޔާމަލެންކޯއެވެ.

ޔޫކްރެއިންގެ ޔަރަމަލެންކޯ އެޓީމަށް ލީޑު ނަގާ ދެނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިލަނޑަށް ފަހު ދެން ވެސް ފެނުނީ ޔޫކްރެއިންގެ ލަނޑެކެވެ. މިގޮތުން މެޗުގެ 34 ވަނަ މިނެޓްގައި ޔޫކްރެއިންގެ ފޯވަޑް ޔަރަމްޗަކް ވަނީ ލަނޑެއް ޖަހާ ޔޫކްރެއިންގެ ލީޑު 2-0 އަކަށް ފުޅާކޮށްދީފައެވެ.

މި ގްރޫޕްގައި ޔޫކްރެއިންއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މިދެކުޅުންތެރިން ވަނީ ދެލަނޑު ޖަހާފައެވެ. އެމެޗުން ޔޫކްރެއިން ބަލިވީ 3-2 އަކުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ނޯތް މެސަޑޯނިއޯއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް މަސައްކަތްކޮށްފައެވެ. އެޓީމުގެ މަސައްކަތް ކާމިޔާބުވީ މެޗުގެ 56 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކާ އެކު އެވެ.

ނޯތް މެސަޑޯނިއޯގެ އެލިއޮސްކީ ފޮނުވާލި ޕެނަލްޓީ ޔޫކްރެއިންއިން ސޭވް ކުރި ނަމަވެސް އޭނާ ވަނީ ކީޕަރު ދިފާއުކުރި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްލާފައެވެ.

ނޯތް މެސަޑޯނިއާއިން ލަނޑު ޖަހަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މެޗުގެ ބާކީ އޮތްބައިގައި ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރުމަށް ނޯތް މެސަޑޯނިއޯއިން މަސައްކަތް ކުރި ނަމަވެސް ލީޑު ފުޅާކުރާނެ ފުރުސަތު ލިބުނީ ޔޫކްރެއިންއަށެވެ. މިގޮތުން އެޓީމަށް ވެސް މެޗުގައި ޕެނަލްޓީއެއް ލިބުނު އިރު މަލިނޮވްސްކީ ފޮނުވާލި ޕެނަލްޓީ ނޯތް މެސަޑޯނިއޯގެ ކީޕަރު ސޭވް ކުރިއެވެ.

ޔޫރޯ 2020 ގައި މިހާތަނަށް 5 ޕެނަލްޓީ ޖަހާފައިވާ އިރު މީގެ ތެރެއިން ކާމިޔާބު ކަމާއެކު ޕެނަލްޓީ ވައްދާލާފައިވަނީ އެންމެ ކުޅުންތެރިއެކެވެ. އެއީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިމެޗުން މޮޅުވެ ޔޫކްރެއިންއަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމަށް މިވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެފައެވެ. ގްރޫޕްގެ ފަހު މެޗުގައި އެޓީމުން ވާދަކުރަން ޖެހޭނީ އޮސްޓްރިއާއެވެ.

މެޗުން ބަލިވި ނޯތް މެސަޑޯނިއޯ އަށް މިވަނީ ދެވަނަ ބުރަށް ދިއުމުގެ މަގު ގާތްގަނޑަކަށް ބަންދުވެފައެވެ.