މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެ އިޓަލީ މުބާރާތުގެ ދެވަނަ ބުރަށް ހިނގައްޖެއެވެ.
ގްރޫޕް އޭގެ ފޭވަރިޓުންގެ ގޮތުގައި އިޓަލީ މުބާރާތް ފެށީ ތުރުކީ 3-0 އަކުން ބަލިކުރުމަށް ފަހު އެވެ. އަދި މިރޭ މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ސުވިޓްޒަލޭންޑް ވެސް 3-0 އަކުން ބަލިކުރުމަށް ފަހު އިޓަލީ މިވަނީ މިފަހަރުގެ މުބާރާތުގައި ދެވަނަ ބުރަށް ދިޔަ ފުރަތަމަ ޓީމަށް ވެފައެވެ.
މުޅި މެޗުގައި ވެސް އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާ އިރު މެޗުގެ ފުރަތަމަ ލަނޑު އެޓީމުން ޖެހީ މެޗުގެ 26 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެނުއަލް ލޮކަޓެލީއެވެ.
މުބާރާތުގައި ކުޅުނު ދެމެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިޓަލީގެ ދެވަނަ ގޯލް ވެސް ޖަހާ ދިނީ ލޮކަޓެލީއެވެ. މިލަނޑު އޭނާ ޓީމަށް ކާމިޔާބުކޮށް ދީފައިވަނީ މެޗުގެ 52 ވަނަ މިނެޓްގައެވެ.
މުޅި މެޗުގައި ވެސް ސުވިޓްޒަލޭންޑަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާ އިރު އިޓަލީ ހީވަނީ ކުރިއަށްދާ ކޮންމެ ފަހަރަކު ލަނޑެއް ޖަހާފާނެހެވެ.
އަދި މެޗު ނިމުމުގެ ކުރިން ސީރޯ އިމޯބިލޭ ޖެހި ލަނޑާއެކު ފުރަތަމަ ދުވަހު ސްކޯ އިޓަލީން މިރޭ ވެސް ތަކުކާރު ކުރިއެވެ.
ކުޅުނު ދެ މެޗުން 6 ޕޮއިންޓް ލިބި އިޓަލީ ގްރޫޕް އޭ ގެ 1 ވަނައިގައި އޮތް އިރު އިޓަލީ ދެން ކުޅެން ޖެހޭނީ ގްރޫޕްގެ ދެވަނައިގައި އޮތް ވޭލްސްއާއެވެ.