ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ވޭލްސްއާ ތުރުކީއާ ދެމެދު އަޒަރްބައިޖާންގެ ވެރިރަށް ބަކޫގައި ކުޅުނު ވާދަވެރި މެޗު 2-0 އަކުން ވޭލްސް ކާމިޔާބުކޮށްފިއެވެ.
މިއާއެކު މި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ވެސް ދަށްވި ތުރުކީއަށް މިވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ހަނިވެފައެވެ.
ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި ވެސް ވޭލްސްއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ހާއްސަކޮށް ޔުވެންޓަސް އަށް ކުޅޭ މިޑްފީލްޑަރު އެރޮން ރަމްޒީއަށް މެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރީތި ދެފުރުސަތު ލިބި ވަނީ ނަގާލާފައެވެ.
އެހެން ނަމަވެސް މެޗުގައި ދެން ރަމްޒީއަށް ލިބުނު ޗާންސް އޭނާ ރަނގަޅަށް ބޭނުންކުރިއެވެ. މިގޮތުން، ހާފް ނިމެން ދަނިކޮށް ރިއަލް މެޑްރިޑްގެ ފޯވަޑް ގެރެތް ބޭލް ދިން ރީތި ޕާހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ރަމްޒީ ވަނީ ލަނޑެއް ޖަހާ ވޭލްސްއަށް ލީޑު ނަގާ ދީފައެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ދެޓީމުގެ ފަރާތުން ރީތި ކުޅުމެއް ފެނިފައިވާ އިރު ލީޑު އިތުރަށް ފުޅާ ކުރާނެ ރަނގަޅު ފުރުސަތު މެޗުގެ 61 ވަނަ މިނެޓްގައި ބޭލްއަށް ލިބުނެވެ. މިގޮތުން ތުރުކީގެ އޭރިއާ ތެރެއިން އޭނާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ނަގަން ބޭލް ހުއްޓުނު އިރު އޭނާ ޖެހި ޕެނަލްޓީ ދިޔައީ ގޯލް ދަނޑު މަތިން ސީދާ ބޭރަށެވެ.
މިއަށް ފަހު ތުރުކީން ކުޅުން ވަރުގަދަކޮށް ލަނޑެއް ޖެހުމަށް މަސައްކަތް ފެށި އިރު ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ.
މެޗުގެ ނަތީޖާ ވޭލްސްއަށް ކަށަވަރު ކުރީ މެޗުގެ އިތުރު ވަގުތުގައި ބޭލް ނަގާ ދިން ހުރަހަކުން ކޯނާ ރޮބާޓްސްއެވެ.
މިމެޗުން މޮޅުވެ ވޭލްސް މިވަނީ ގްރޫޕްގެ އޭގެ ތާވަލުގެ އެއްވަނައަށް އަރާފައެވެ. ގްރޫޕްގައި ވޭލްސްގެ ފަހު މެޗު ކުޅެން ޖެހޭނީ މިރޭ ސުވިޓްޒަލޭންޑާ ދެކޮޅަށް ނިކުންނަ އިޓަލީއާއެވެ.