މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރަޝިޔާއިން ކުޅުނު ދެވަނަ މެޗުގައި ފިންލޭޑާ ވާދަކޮށް މޮޅުވެއްޖެއެވެ.

ރަޝިޔާގެ ސެއިން ޕީޓާަސްބާގްގައި ކުޅުނު މިމެޗު ރަޝިޔާއިން ކާމިޔާބުކުރީ 1-0 ގެ ސްކޯއަކުންނެވެ.

އެހެން ނަމަވެސް މެޗު ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ ލީޑު ނެގީ ފިންލޭންޑުންނެވެ. މެޗުގެ 4 ވަނަ މިނެޓްގައި އެޓީމުގެ ޖޯލް ޕޮޖަންޕާލޯ ބޮލުން ޖަހާ ވައްދާލި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ ކަނޑައަޅާފައެވެ.

އެއް އަށް ފަހު ދެ ޓީމުގެ ފަރާތުން ވެސް ހަމަލާތައް ފެނުނު އިރު ރަޝިޔާއިން ލަނޑެއް ޖަހާ ލީޑު ނެގީ ފުރަތަމަ ހާފް ނިމި ނިމިއޮއްވައެވެ.

ރަޝިޔާގެ ގޯލު ޖަހާ ދިން އެލްކްސިސް މިރާންޗުކް/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 48 ވަނަ މިނެޓްގައި އެލެކްސިސް މިރާންޗުކްއެވެ.

މިމެޗުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރަށް ފިންލޭންޑަށް ދެވޭނެ ކަން އެޓީމަށް އެނގުނު ނަމަވެސް ފިންލޭންޑްގެ ކުޅުމުން މިކަމެއް ނުފެނެއެވެ. މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުގައި 1-0 އަކުން ޑެންމާކްގެ މައްޗަށް ކުރި ހޯދި ފިންލޭންޑަށް މިރޭގެ މެޗުގައި މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގައި ފިންލޭންޑާ ރަޝިޔާގެ ކުޅުންތެރިއަކު ބޯޅައަށް ވާދަކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިއާ ހިލާފަށް ދެވަނަ ހާފްގައި ވެސް ލަނޑެއް ޖެހިމާ ބޮޑަށް ގާތަށް ދިޔައީ ރަޝިޔާއިންނެވެ. އެހެން ނަމަވެސް، ފިންލޭންޑްގެ ކީޕަރުގެ ހުޝިޔާރު ކަމުން އެޓީމަށް ލީޑު އިތުރަށް ފުޅާ ކުރެވޭ ގޮތެއް ނުވިއެވެ.

މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާ އެކު ރަޝިޔާ މިވަނީ ގްރޫޕް ތާވަލުގެ ދެވަނައަށް އަރާފައެވެ. އަދި ގްރޫޕް ސްޓޭޖްގައި އެޓީމުން އެންމެ ފަހުން ކުޅެން ޖެހޭނީ މިވަގުތު ތާވަލުގެ ފުލުގައި އޮތް ޑެންމާކާއެވެ.

މީގެ ކުރިން ދުވަހަކު ވެސް މިފަދަ މުބާރާތެއްގައި ވާދަ ނުކުރާ ފިންލޭންޑް ގްރޫޕްގައި ކުޅޭ ފަހު މެޗުގައި ވާދަކުރާނީ ބެލްޖިއަމްއާއެވެ.