ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ރޭ ޖާމަނީއާ ފްރާންސް ކުޅުނު މެޗުގެ ތެރެއިން ދަނޑުގެ މައްޗަށް ޕެރަގްލައިޑްގައި ތިރި ކުރި މީހާގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

ޖާމަނީގެ މިއުނިކްގައި ހުންނަ އެލިއަންޒް އެރީނާގައި މެޗު ކުޅެމުންދަނިކޮށް ދަނޑުގެ މައްޗަށް ޕެރަގްލައިޑް ކުރި މީހާއަކީ ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ގްރީން ޕީސް ޖަމާއަތަށް ސްޕޯޓްކުރާ މީހެކެވެ. އޭނާގެ ޕެރަޝޫޓްގައި ވަނީ "ކިކް އޮއިލް އައުޓް" އަދި "ގްރީން ޕީސް" ޖަހާފައެވެ.

ދަނޑަށް ތިރިކުރި މީހާ ދަނޑުގެ ފުރާޅު މަތީގައި ހުރި ޓީވީ ކޭބަލްތަކެއްގައި ޖެހި ސްޓޭންޑްގައި ތިބި ސަޕޯޓަރުން ގައިގައި ނުޖެހި ސަލާމްތަވެފައެވެ. އެހެން ނަމަވެސް މި ހާދިސާގައި ބައެއް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް އަލްޖަޒިރާއިން ރިޕޯޓްކުރިއެވެ.

ދަނޑު މައްޗަށް ޕެރަގްލައިޑްގައި ތިރި ކުރި މީހާއާ ޖާމަނީ ދެ ކުޅުންތެރިއަކު ވާހަކަ ދައްކަނީ/ ފޮޓޯ: އަލްޖަޒީރާ

މިކަމާ ބެހޭ ގޮތުން ގްރީންޕީސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާދިސާގައި ބަޔަކު ޒަހަމްވެފައިވާތީ އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މުބާރާތް އިންތިޒާމް ކުރާ ޔޫއެފްއާއިން ބުނީ މިއީ އެއްވެސް ވިސްނުމެއް ނެތިކޮށްފައިވާ އަމަލެއް ކަމަށާ މިފަދަ އަމަލެއްގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތައް ލިބުމަކީ ވެސް ދުރުގައިވާ ކަމެއް ނޫން ކަމަށެވެ. ޔޫއެފްއާއިން ބުނީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން މިކަމުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅާނެ ކަމަށާ ޔޫއެފްއާއިން އަބަދުވެސް ބަލަމުންދަނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނެވި އާދަތަކާ އެކު މުބާރާތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.