ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތުގެ އެޑުއެހުމެއް މިމަހުގެ 21 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ހަސަން ސާމިލް ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހަށް އަލީ ވަހީދާ ދެކޮޅަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ. އެހެން ނަމަވެސް އެ ޝަރީއަތުގެ އަޑުއެހުން ވަނީ ފަހުން ކެންސަލްކޮށްފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކުރިޔަށްދަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށް ދިޔުމަށް އެދިވަޑައިގަތުމުން ޕާސްޕޯޓު ދޫކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ. އެ ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ 4 މަސްދުވަހަށް ނަމަވެސް އަދިވެސް އޭނަ ރާއްޖެ އައިސްފައެއް ނުވެއެވެ.

މިމަހުގެ 10 ވަނަ ދުވަހަށް ޝަރީއަތުގެ އަޑުއެހުން ތާވަލު ކުރުމުންވެސް އަލީ ވަހީދު ވަނީ އޭނާގެ ބޭސްފަރުވާ ނުނިމޭކަމަށާ އޮންލައިންކޮށް އަޑުއެހުން ކުރިޔަށް ގެންގޮސްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އެހެން ނަމަވެސް އެ ކޯޓުން އަންގާފައިވަނީ އޮންލައިންކޮށް އަޑުއެހުން ނުބޭއްވޭނެ ކަމަށެވެ.