ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެ މަގާމުން ވަކިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ސައީދު އެ މަގާމުން ވަކިކުރަން ނިންމާފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެންނެވެ.

ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ކަމުގައި ބުނެ ފެނަކައިން ގަނެފައިވާ 500 ހޮޅި ގަތުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ވަނީ ސައީދާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ.

އޭސީސީއަށް މައްސަލަ ހުށައަޅާފައިވާ ފަރާތުން އެ ކޮމިޝަނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައި ވަނީ އެ ތަކެތި ފުވައްމުލަކު ޕަވާހައުސްއަށް ބޭނުންވާ ކަމަށް ބުނެ، އެތަނުން ކޯޓޭޝަން ހަދުވާފައި ވަނީ މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގެ ޑިރެކްޓަރެވެ. މި ޑިރެކްޓަރަކީ ކުރިން ގދ.ގައްދޫ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރުގެ މަޤާމުގައި ހުއްޓައި މާލެ ހެޑް އޮފީހަށް ވަޒީފާ ބަދަލުކޮށް ޕްރޮމޯޝަނެއް ދީފައިވާ ޒާހިރު އުސްމާނުކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

މީގެ ކުރިން ރައީސް ވެސް ވަނީ ފެނަކަ އާއިގުޅޭ ކޮރަޕްޝަން މައްސަލަތަކެއްގެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭސީސީއަށް ފެނަކައިގެ ކޮރަޕްޝަން މައްސަލަތަކެއް ހުށައެޅި އެ މައްސަލަތައް އެ ކޮމިޝަނުން ބެލުމަށްފަހު ރިޕޯޓެއް ރައީސަށް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ރައީސް ވިދާޅުވީ އެ ރިޕޯޓުގައި ވަރަށް ގިނަ ކަންކަން ފާހަގަކޮށްފައިވާ ކަމަށާ އެ ހުރިހާ ކަމަކަށް ބަދަލު ގެންނަން ޖެހޭކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ފެނަކަ

އެނގިފައިވާ ގޮތުގައި ކުރިޔަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ފެނަކައިގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ.

ސައީދަށް ތުހުމަތުކޮށް މީގެ ކުރިން 27 މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. ނަމަވެސް އެ ތުހުމަތުތައް ސައީދު ވަނީ ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވާ ގޮތުގައި އޭސީސީއަށް ބަޔަކު ދިއުމަކީ ސީޔާސީ ރޭވުމެއް ކަމަށާއި އެ ތުހުމަތު ކުރަނީ ކުންފުނީގެ އަގު ވައްޓާލަން ކަމަށެވެ.

ފެނަކައާ ގުޅޭ ބޮޑެތި ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން ބަލަމުން އަންނައިރު ފެނަކައަށް މާލީ ގޮތުން ލިބެމުންދާ ކުރިއެރުމަކީ އެކުންފުނީގެ ތެރޭގައި ހިންގަމުންދިޔަ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ނަތީޖާ ކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ފެނަކައިގައި ވައްކަމުގެ އެއްވެސް އަމަލެއް ނުވެސް ހިންގޭނެ ކަމަށާއި އެފަދަ ފުރުސަތެއްވެސް އެކުންފުނީގެ ތެރޭގައި ނޯންނާނެ ކަމަށް ވެސް ސައީދު ވިދާޅުވެފައިވެއެވެ.