މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސާ ޖާމަނީ ވާދަކުރި މެޗު ހަނި ގޮތަކުން ފްރާންސް ކާމިޔާބުކޮށްފިއެވެ.
ޖާމަނީގެ މިއުނިކްގެ އެލިއަންޒް އެރީގައި ކުޅުނު މިމެޗު ފްރާންސްއިން ކާމިޔާބުކުރީ 0-1 ގެ ސްކޯ ލައިނަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރިއެވެ. އެހެން ނަމަވެސް މެޗުގައި ހަމައެކަނި ޖެހި ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ޖެހީ ފަރާންސުންނެވެ.
މިލަނޑަކީ ޖާމަނީގެ ޑިފެންޑަރު މެޓްސް ހަމަލްސް ބައިކޮޅަށް ޖެހި ލަނޑެކެވެ. މިއީ މިމުބާރާތުގައި ޓީމަކުން ބައިކޮޅަށް ޖެހި ތިން ވަނަ ލަނޑަށް ވީ އިރު 2018 ވަނަ އަހަރު ފަރާންސްގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖުމްލަ ފެނިފައިވަނީ މިފަދަ ތިން ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފް ފަރާންސް ކުރީގައި އޮވެގެން ނިންމާލި ނަމަވެސް ދެވަނަ ހާފްގައި ޖާމަނީގެ ކުޅުން ވަރުގަދަކޮށް އެޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ހޯދާފައެވެ. މިގޮތުން، ބަޔާން މިއުނިކްގެ ފޯވަޑް ސާޖް ގަނާބްރޭއަށް ޖެހި ޝޮޓު ދިޔައީ ދަނޑި މަތިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފްގައި ފްރާންސްއިން ވަނީ އިތުރު ދެލަނޑެއް ޖަހާފައެވެ. ކިލިއަން އެމްބާޕޭއާ ކަރިމް ބެންޒީމާ ޖެހި މިދެލަނޑަކީ ވެސް އޮފްސައިޑް ދެ ލަނޑު ކަމަށް މެޗުގެ އޮފިޝަލުން ވަނީ ނިންމާފައެވެ.
ޖާމަނީގެ މައްޗަށް ހޯދި މޮޅާއެކު ފްރާންސްއަށް މިވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި މިމުބާރާތުގެ އެންމެ ވާދަވެރި ގްރޫޕް ކަމަށްވާ ގްރޫޕް އެފްއިން ދެވަނަ ބުރަށް ދިއުމާ އެޓީމު މިވަނީ ގާތްވެފައެވެ.
މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ޖާމަނީއިން ކުޅުނު ފުރަތަމަ މެޗަކުން ބަލިވި ފުރަތަމަ ފަހަރަށް ވީ އިރު މިމަހުގެ 19 ވަނަ ދުވަހު އެޓީމު ދެން ބައްދަލުކުރަން ޖެހޭ ރޭ 3-0 އަކުން ހަންގެރީ ބަލިކުރި ޕޯޗުގަލްއާއެވެ.