ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕް ކަމަށް ސިފަކޮށްފައިވާ ގްރޫޕް އެފްގައި މިރޭ ހަންގެރީއާ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލާ ދެމެދު ކުޅުނު މެޗު 0-3 އަކުން ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ.

މިމެޗު ބެލުމަށް 61،000 މީހުން ދަނޑަށް ވަތް ކަމަށް ބެލެވޭ/ ފޮޓޯ: ގޯލް ޓުވިޓާ

ހަންގެރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުކާސް އެރީނާގައި 61،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ ޕޯޗުގަލްއިންނެވެ. އެހެން ނަމަވެސް އެޓީމަށް ހަންގެރީގެ ޑިފެންސް މުޅިން ފޫއަޅުވާލެވޭ ފަދަ ހަމަލާއެއް އުފެއްދިފައި ނުވާ އިރު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ފޯވަޑް ޑިއާގޯ ޖޮޓާއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ.

ޕޯޗުގަލްގެ ޖޮޓާ ހަންގެރީގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ފުރަތަމަ ހާފް 0-0 އަކުން ނިންމާލި އިރު ދެވަނަ ހާފްގެ ކުރީކޮޅު ގަދައަށް ކުޅުނީ ހަންގެރީންނެވެ. އަދި އެޓީމުން ހަމަލާތައް އުފެއްދަމުން ދިޔަ އިރު މެޗުގެ 80 ވަނަ މިނެޓާ ހަމައަށް ޕޯޗުގަލްއިން އުފައްދަމުން ދިޔަ ހުރިހާ ހަމަލާތަކެއް ހަންގެރީން ނާކާމިޔާބު ކުރަމުން ދިޔައެވެ.

މިކަމުގައި ހާއްސަކޮށް ހަންގެރީގެ ކީޕަރު ގުލާޗީގެ ހުށީޔާރުކަން ފާހަގަކުރަން ޖެހެއެވެ.

ހަންގެރީގެ ކީޕަރު ގުލާޗީ ވަނީ މެޗުގައި މޮޅު ސޭވްތަކެއް ކޮށްފައި/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މެޗުގެ އޮއިވަރު ބަދަލުވީ މެޗު ނިމެން 6 މިނެޓަށް ވެފައި ވަނިކޮށް 84 ވަނަ މިނެޓްގައެވެ. ޕޯޗުގަލްގެ ރަފައެލް ގަރައިރޯ ޖެހި ޝޮޓް ހަންގެރީގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ގޯލުގެ ތެރެއަށް ވަނުމުން ސްކޯ 0-1 އަކަށް ވިއެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ލީޑު 0-2 އަކަށް ފުޅާކޮށްދީފައެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަދި ބްރޫނޯ ފަނާންޑޭޒް އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފައި/ ފޮޓޯ: ގޯލް ޓުވިޓާ

މެޗުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހާ އާ ރިކޯޑެއް ވެސް މުގުރާލާފައެވެ. މިގޮތުން ރޮނާލްޑޯއަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މިއީ ރޮނާލްޑޯ ކުޅޭ ފަސް ވަނަ މުބާރާތަށް ވާ އިރު އޭނާ މިވަނީ ޖުމްލަ 11 ލަނޑު ޖަހާފައެވެ.