ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނު އެގައުމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނާ ބުނެފިއެވެ.
ޑެންމާކްގެ ކޯޕެންހޭގަންގައި ފިންލޭންޑާ ދެކޮޅަށް ޑެންމާކްއިން ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެރިކްސަން ދަނޑު މައްޗަށް ވެއްޓިފައި އޮތް އިރު އޭނާގެ ހިތް ހުއްޓުނު ކަމަށް ޑެންމާކް ޓީމުގެ ޑޮކްޓަރު ވަނީ ބުނެފައެވެ. އަދި އޭނާ ސަލާމަތްކުރުމަށް ދަނޑު މަތީގައި ސިއްހީ ކުއްލި ފަރުވާ ދިން ކަމަށާއި އެރިކްސަން މަރާ ކައިރިވި ވަރު ފަރުވާދިން ޓީމަށް ވެސް ބުނެދެން ނޭނގޭ ކަމަށް ޑޮކްޓަރު ވަނީ ކިޔާދީފައެވެ.
މި ޙާދިސާއަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ފުރަތަމަ މެސެޖްގައި މިހާރު އިޓަލީގެ އިންޓަމިލާންއަށް ކުޅޭ އެރިކްސަން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާ ހިތް ހުއްޓި ދަނޑު މައްޗަށް ވެއްޓުނު ގޮތް ހޯދުމަށް އިތުރު ޓެސްޓްތައް ހަދަން އަދި ހޮސްޕިޓަލްގައި އޮންނަން ޖެހޭ ކަމަށެވެ.
އެރިކްސަން ބުނީ ޑެންމާކްގެ ކުރިއަށް ހުރި މެޗުތަކުގައި ޓީމުގެ ކުޅުންތެރިންނަށް ސަޕޯޓްކުރާނެ ކަމަށާ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.
އެރިކްސަން ވެއްޓި ދަނޑު މަތީގައި ފަރުވާ ދެމުން ދިޔަ އިރު ދަނޑުގައާ ޓީވީ މެދުވެރިކޮށް މެޗު ބަލަން ދިޔަ ބެލުންތެރިން ވެސް ސޯޝަލް މީޑިއާގައި އޭނާއަށް ހެޔޮ އެދި މެސެޖްތައް ކުރަމުން ދިޔަ އިރު މިކަން އެރިކްސަން ވަނީ ފާހަގަކޮށްފައެވެ.
އެރިކްސަން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް އައި މެސެޖްތަކާ ހިތްވަރުގެ ބަސްތަކާ މެދު ޝުކުރުވެރިވާ ކަމަށާ މިއީ އޭނާއާ އޭނާގެ އާއިލާއަށް ނުހަނު އުފާވާ ކަމެއް ކަމަށެވެ.
ކޯޕަންހޭގަންގެ ހޮސްޕިޓަލެއްގައި އުމުރުން 29 އަހަރުގެ އެރިކްސަން އަދި ވެސް ފަރުވާ ހޯދަމުން އަންނަ އިރު ޔޫރޯ ފުޓްބޯޅަ މުބާރާތުން ދެން އޭނާ ފެނުމަކީ ނާދިރު ކަމެކެވެ.