މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްޕެއިންއާ ސުވިޑަން ވާދަ ކުރި މެޗު 0-0 އަކުން އެއްވަރުވެއްޖެއެވެ.
ސްޕެއިންގެ ސެވިލްގައި ކުޅުނު މިމެޗުގައި ސުވިޑަންގެ ފަރާތުން ޑިފެންސިވް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ސްޕެއިނުންނެވެ.
މި ގޮތުން މެޗުގެ ބޮޑު ބައި ސުވިޑަންގެ ހާފްގެ ތެރޭގައި ކުޅުނު އިރު ލަނޑު ޖަހާނެ ފުރުސަތު ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ލިބުނެވެ. ސުވިޑަންގެ ޑިފެންޑަރެއްގެ ފަރާތުން ހެދުނު ގޯހަކުން ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާއަށް ލިބުނު ރަނުގެ ފުރުސަތަކީ ދޫކޮށްލާ ވަރުގެ ފުރުސަތެއް ނޫނެވެ. މޮރާޓާއަށް މިނޫން ވެސް ފުރުސަތުތައް ލިބުނު އިރު އޭނާ ވަނީ މި ފުރުސަތުތައް ނަގާލާފައެވެ.
މީގެ އިތުރުން ސްޕެއިންގެ ޑެނީ އޮލްމޯއަށް ވެސް މި މެޗުގައި ލަނޑު ޖަހާނެ ދެތިން ޗާންސް ލިބުނެވެ. ފުރަތަމަ ހާފްގައި އޮލްމޯ ބޮލުން ޖަހާ ފޮނުވާލި ހަމަލާ ސުވިޑަންގެ ކީޕަރު އޮލްސަން ވަނީ ހުށިޔާރު ކަމާއެކު ހިފަހައްޓާފައެވެ. މުޅި މެޗުގައި ވެސް އޮލްސަން ވަނީ މޮޅު ކުޅުމެއް ދައްކާ މުހިންމު ސޭވްތަކެއް ކޮށްފައެވެ.
ސުވިޑަންއިން ޑިފެންސިވް ކުޅުމެއް ކުޅުނު ނަމަވެސް މެޗުގައި ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ދެފުރުސަތު ލިބުނީ ސުވިޑަންގެ ކުޅުންތެރިންނަށެވެ. މިގޮތުން، ސުވިޑަންގެ ފޯވަޑް އައިސެކް ފުރަތަމަ ހާފްގައި ފޮނުވާލި ޝޮޓް ސްޕެއިންގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ގޯލަށް ނުވަދެ ސަލާމަތްވީ ދަނޑީގައި ޖެހުމުންނެވެ.
އަދި ދެވަނަ ހާފްގައި އައިސެކް އުފެއްދި ހަމާލައެއް ގޯލާ ވަރަށް ކައިރިން ޖަހަން ލިބުމުން ވެސް ސުވިޑަންގެ ފޯވަޑް މާކަސް ބާގް ބޯޅަ ޖަހާފައިވަނީ މައްޗަށެވެ.
މިމެޗުން އެއްވަރުވުމުން ދެ ޓީމަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި މިވަގުތު މި ގްރޫޕްގެ އެއްވަނައިގައި އޮތީ ރޭ 2-1 އަކުން ޕޮލެންޑް ބަލިކުރި ސްލޮވާކިއާއެވެ.