ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި މިރޭ ސްލޮވާކިއާ އާ ޕޮލެންޑް ވާދަކުރި މެޗު 2-1 އަކުން ސްލޮވާކިއާ ކާމިޔާބުކޮށްފިއެވެ.
ރަޝިޔާގެ ސެއިންޓް ޕީޓާސްބާގްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑެއް ޖެހީ ސްލޮވާކިއާއިންނެވެ. އެހެން ނަމަވެސް މިލަނޑަކީ ޕޯލެންޑްގެ ގޯލް ކީޕަރު ޝެޒްނީގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކީޕަރެއްގެ އަތުން ބައިކޮޅަށް ލަނޑެއް ވަތް ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު އިރު ހާފް ނިމިގެން ދިޔައީ ސްލޮވާކިއާ ކުރީގައި އޮވެގެންނެވެ.
ޕޮލެންޑުން ވަނީ ދެވަނަ ހާފްގައި ކުޅުން ވަރުގަދަކޮށް އިތުރު ހަމަލާތައް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. މިކަމުގެ ނަތީޖާއަކަށް ވީ މެޗުގެ 46 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ޕޮލެންޑުން ސްކޯ އެއްވަރުކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެރޮލް ލިނެޓީއެވެ.
އެއަށް ފަހު ދެން ވެސް މޮޅަށް ކުޅެމުން އައި ޕޮލެންޑުންނެވެ. އެހެން ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި އެޓީމުގެ ކުޅުންތެރިއަކަށް މެޗުގައި ދެއްކި ދެވަނަ ރީދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި ހިސާބުން މެޗުގެ ކުޅުމުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ.
އަދި އެއަށް ފަހު މާގިނަ އިރު ތަކެއް ނުވެ މެޗުގެ 69 ވަނަ މިނެޓްގައި ސްލޮވާކިއާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ 2-1 އަކަށް ހަދާފައެވެ.
މެޗުގައި ބާކީ އޮތް ބައިގައި ޕޮލެންޑުން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ސްލޮވާކިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މިމެޗުން މޮޅުވެ ސްލޮވާކިއާ މިވަނީ ގްރޫޕްގެ އެއްވަނައަށް އަރާފައެވެ.
ގްރޫޕް އީގައި ދެން އޮތް ސްޕެއިން އަދި ސުވިޑަން ވާދަ ކުރާ މެޗު މިރޭ އޮންނަ އިރު އެމެޗުން އޮންނާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.