ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ސްކޮޓްލޭންޑާ ޗެކް ރިޕަބްލިކް ވާދަކުރި މެޗު 0-2 އަކުން ޗެކް ރިޕަބްލިކް ކާމިޔާބުކޮށްފިއެވެ.
23 އަހަރަށް ފަހު ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ފަހަރު ސްކޮޓްލޭންޑުން ކުޅުނު މިމެޗު އެގައުމުގެ ވެރިރަށް ގަލަސްކޯގެ ހެމްޑަން ޕާކްގައި ކުރިއަށް ދިޔަ އިރު މެޗުގެ ފުރަތަމަ ހާފްގައި ގިނަ ފުރުސަތުތައް އުފެއްދީ ވެސް ސްކޮޓްލޭންޑުންނެވެ.
މިގޮތުން ކެޕްޓަން އެންޑީ ރޮބާޓްސަން ގޯލާ އަމާޒުކޮށް ޖެހިި ޝޮޓް ލަނޑަކަށް ވިޔަ ނުދީ ސަލާމަތް ކުރީ މުޅި މެޗުގައި ހުނަރުވެރި ކުޅުމެއް ދެއްކި ޗެ ކްރިޕަބްލިކްގެ ކީޕާރު ތޯމަސް ވަކްލިޗެވެ.
ފުރަތަމަ ހާފް ނިމެން ދަނިކޮށް ޗެކް ރިޕަބްލިކްއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ބަޔާ ލަވަކޫސަން އަށް ކުޅޭ ޒުވާން ފޯވަޑް ޕެޓްރިކް ޝިކެވެ. ބޮލުން ޖަހާ އޭނާ ގޯލުގެ ތެރެއަށް ވައްދާލި މިލަނޑަކީ ޝިކް ގައުމީ ޓީމަށް ޖަހާ ދިން 12 ވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފް ފެށުނު ފަހުން ސްކޮޓްލޭންޑްގެ ކުޅުންތެރިންނަށް ރަނގަޅު ހަމަލާއެއް ނުއުފެއްދި އުޅެނިކޮށް ޝިކް ވަނީ ދެވަނަ ލަނޑެއް ޖަހާ މެޗުގެ ސްކޯ 0-2 އަކަށް ހަދާފައެވެ. މިލަނޑު އޭނާ ޖަހާފައިފަނީ ހާފްވޭ ލައިން މަތީގައި ހުރެފައެވެ.
ޗެކް ރިޕަބްލިކްގެ ދެވަނަ ލަނޑަށް ފަހު ސްކޮޓްލޭންޑުން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ހަމަލާތައް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް ޗެކް ރިޕަބްލިކްގެ ކީޕަރު އަނެއްކާވެސް ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.
މިމެޗުން މޮޅުވެ ޗެކް ރިޕަބްލިކް މިވަނީ ގްރޫޕް ޑީގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގައި އޮތް އިންގްލޭންޑާ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ޗެކް ރިޕަބްލިކް އެއްވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.