މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ރޭ ނެދާލޭންޑްސާ ޔޫކްރެއިން ކުޅުނު ވާދަވެރި މެޗު 3-2 އަކުން ނެދަލޭންޑްސް ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފްގައިި ލަނޑެއް ފެނިފައި ނުވާ އިރު މިމެޗުގައި ފުރަތަމަ ލަނޑު ޖެހީ ހަތް އަހަރަށް ފަހު ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ކުޅުނު ނެދަލޭންޑްސުންނެވެ.

މެޗުގެ 52 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ޖޯޖީނިއޯ ވަނައިލްޑަމްއެވެ. އެއަށް ފަހު ދެން ވެސް ލަނޑެއް ޖެހީ އެޓީމުންނެވެ. މިގޮތުން އޭނގެ 6 މިނެޓް ފަހުން މެޗުގެ 58 ވަނަ މިނެޓްގައި ވައުޓް ވެގްހައުސްޓް ވަނީ ލަނޑެއް ޖަހާ ނެދަލޭންޑްސްގެ ލީޑު ފުޅާކޮށްފައެވެ.

0-2 ގެ ސްކޯއިން މެޗު ނިންމަން ނެދަލޭންޑްސްއިން ހިފައިގެން ތިބި ނަމަވެސް މެޗުގެ 75 ވަނަ މިނެޓްގައި ޔޫކްރެއިންގެ އެންޑްރީ ޔާމަލެންކޯ ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކުރިއެވެ.

ސްކޯ 2-2 އަކަށް ހެދީ ޔަރަމްޗުކްގެ ލަނޑުން/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އަދި އޭނގެ 4 މިނެޓް ފަހުން ޔޫކްރެއިންގެ ރޯމަން ޔަރަމްޗުކް ބޮލުން ޖަހާ ވައްދަާލި ލަނޑާއެކު ސްކޯ 2-2 އަކަށް ވިއެވެ. މިލަނޑު އޭނާ ކާމިޔާބުކޮށް ފައިވަނީ މެޗުގެ 79 ވަނަ މިނެޓްގައެވެ.

މެޗު ނިމެން ކުޑަތަންވެފައިވަނިކޮށް ނެދަލޭންޑްސްގެ ޑިފެންޑަރު އާކެ ނަގާދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން 3-2 ގެ ނަތީޖާ ކަށަވަރުކޮށް ދިނީ ޒުވާން ކުޅުންތެރިޔާ ޑެންޒަލް ޑަމްފްރީޒްއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.

85 ވަނަ މިނެޓްގައި ޖެހި ލަނޑަށް ފަހު ނެދަލޭންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިމެޗުން މޮޅުވެ ނެދަލޭންޑްސް އަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމު ވަނީ ގްރޫޕް ސީގެ ދެވަނައަށް އަރާފައެވެ. އެއްވަނައިގައި އޮތީ ރޭ ނޯތް މެސަޑޯނިއޯ 3-1 އަކުން ބަލިކުރި އޮސްޓްރިއާއެވެ.