ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިރޭ އޮސްޓްރިއާއާ ނޯތް މެސަޑޯނިއާ ވާދަކުރި މެޗު 3-1 އަކުން އޮސްޓްރިއާ ކާމިޔާބުކޮށްފިއެވެ.
މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗަކުން އޮސްޓްރިއާ މޮޅުވި ފުރަތަމަ ފަހަރެވެ.
ރޯމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ކުރިއަށް ދިޔަ މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ ވެސް އޮސްޓްރިއާއިންނެވެ.
މެޗުގެ 18 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސްޓެފާން ލައިނާއެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފް ނިމެން ދަނިކޮށް ނޯތް މެސަޑޯނިއާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ 37 އަހަރުގެ ފޯވަޑް ގޯރަން ޕެންޑާފްއެވެ.
އޭނާ މިލަނޑު ޖަހާފައި ވަނީ މެޗުގެ 28 ވަނަ މިނެޓްގައެވެ.
ދެވަނަ ހާފްގައި އޮސްޓްރިއާއިން ލަނޑު ޖަހާނެ ހަމަލާތައް އުފެއްދި ނަމަވެސް މެޗުގެ 78 ވަނަ މިނެޓާ ހަމައަށް ނޯތް މެސަޑޯނިއާއިން ވަނީ ސްކޯ 1-1 ގައި ހިފަހައްޓާލައެވެ.
އަދި އެސްކޯގައި އޮވެ މެޗު ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް ދެވަނަ ހާފްގައި އޮސްޓްރިއާއަށް ކުޅެން ނިކުތް ގްރެގޮރޮޓިޗް އަދި އެރަނޮޓިވިޗް ވަނީ އެޓީމަށް ދެލަނޑު ޖަހާ ދީ 3-1 ގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.
އޮސްޓްރިއާގެ ތާރީހީ މޮޅާއެކު އެޓީމު މިހާރު އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ.
މި ގްރޫޕްގައި ދެން އޮތް ނެދަލޭންޑްސް އަދި ޔޫކްރެއިން މިރޭ ރާއްޖޭ ގަޑިން ދަންވަރު ވާދަ ކުރާނެއެވެ.