ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އިންގްލޭންޑާ ކްރޯޝިޔާ ވާދަކުރި މެޗު 1-0 އަކުން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ.

އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން މާ ގިނަ ހަމަލާތަކެއް ފެނިފައި ނުވާ އިރު ފުރަތަމަ 45 މިނެޓް އެންމެ ނުރައްކާތެރި ހަމަލާތައް އުފައްދާފައިވަނީ އިނގިރޭސިންނެވެ.

މިގޮތުން މެޗުގެ ކުރީކޮޅު އިނގިރޭސި އެޓޭކިންގް މިޑްފީލްޑަރު ފިލް ފޯޑަން ފޮނުވާލި ޝޮޓެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފައިވަނީ ނިކުމެފައެވެ. އެހެން ނަމަވެސް އޭނގެ ފަހުން ކްރޯއޭޝިޔާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭނެ ފަދަ ހަމަލާއެއް އިންގްލޭންޑަކަށް ފުރަތަމަ ހާފްގައި ނުއުފެއްދުނެވެ.

މެޗުގެ ދެވަނަ ހާފްއަށް އިންގްލޭންޑް ކުޅެން ނިކުތީ ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނެގުމުގެ އުއްމީދުގައެވެ. ޓީމުގެ ކުޅުމުން މިކަން ފާހަގަވި އިރު ހާފް ފަށައިގެން މެޗުގެ 57 ވަނަ މިނެޓްގައި އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގް ވަނީ ލަނޑެއް ޖަހާ 1-0ގެ ލީޑެއް ނަގާ ދީފައެވެ.

މިއީ ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ސްޓާލިންގް ގައުމީ ޓީމަށް ޖެހި ފުރަތަމަ ލަނޑު/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިއީ ބޮޑު މުބާރާތެއްގައި އޭނާ އިންގްލޭންޑަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.

މިލަނޑު ޖަހަން ސްޓާލިންއަށް އެހީވީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން ދިޔަ ކެލްވިން ފިލިޕްސެވެ.

މެޗުގެ ބާކީ އޮތް ބައިގައި ކްރޯއޭޝިޔާއިން ލަނޑު ޖެހުމަށް ހަމަލާތައް އުފެއްދި ނަމަވެސް އިންގްލޭންޑް ވަނީ ދިފާއީ ވަރުގަދަ ކުޅުމެއް ދައްކާ 1-0 އަކުން މެޗު ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ލިބުނު ތިން ޕޮއިންޓުން އިންގްލޭންޑް ވަނީ ގްރޫޕް ޑީގެ އެއްވަނަ ހޯދާފައެވެ. މި ގްރޫޕްގައި ދެން އޮންނަ ސްކޮޓްލޭންޑް އަދި ޗެކް ރިޕަބްލިކްގެ ފުރަތަމަ މެޗު ކުޅޭނީ މާދަމާ ރާއްޖޭ ގަޑިން އިރު އޮއްސި 6 ޖަހާ އިރުއެވެ.

މިރޭ އަދި ބާކީ ދެމެޗު ކުޅޭ އިރު ރާއްޖޭ ގަޑިން ރޭގަނޑު 9 ޖަހާ އިރު އޮންނާނީ ގްރޫޕް ސީގައި ނޯތް މެސެޑޯނިއޯ އާ އޮސްޓްރިއާ ވާދަ ކުރާ މެޗެވެ. އަދި ދަންވަރު 12 ޖަހާ އިރު އޮންނާނީ ނެދަލޭންޑްސްއާ ޔޫކްރެއިން ވާދަ ކުރާ މެޗެވެ.